ކ. ގާފަރު ގެސްޓްހައުސްއެއްގެ ކޮޓަރި ތެރޭގައި ބޮޑު ޒަޚަމަކާއެކު މަރުވެފައި އޮތް އަންހެނަކު މިރޭ ފެނިއްޖެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ރަށަށް މިމަހުގެ 16 ވަނަ ދުވަހު ޗުއްޓީ ހޭދަކުރަން ދިޔަ އއ. ބޮޑުފުޅަދޫ އަންހެނަކު ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތްވައި ފެނިފައިވާ ކަމަށެވެ. އަދި މަރުވެފައި އޮތްއިރު ކަރަށް ވަޅިއެއް ހަރާފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރަށުން ވާހަކަދެއްކި މީހާ ބުނީ އެ އަންހެން މީހާ އުޅޭ ކޮޓަރީގެ ދޮރު ނުހުޅުވައިގެން ފުލުހުން ގެންގޮސް ބެލިއިރު އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އަންހެން މީހާ ޗުއްޓީ ހޭދަކުރަން އެ ރަށަށް ދިޔައީ އެކަނި ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އެ މީހާ އުޅޭ ކޮޓަރީގެ ދޮރުނުހުޅުވައިގެން ގޮސް ހުޅުވައިގެން ބެލިއިރު އޮތީ ފުން ޒަޚަމަކާއެކު މަރުވެފައި. މިހާރު އޭނާގެ ހަށިގަނޑު އޮތީ މި ރަށު ސިއްހީމަރުކަޒުގައި ބާއްވާފައި،" ގާފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ މިއަދު ހެނދުނުން ފެށިގެން އެ މީހާގެ ހަބަރެއް ނުވެގެން ކޮޓަރި ހުޅުވީ މިރޭ 7:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ގާފަރު ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ އަންހެނެކެވެ. ނަމަވެސް މިހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.