ކީވް (25 މާޗް) - ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފެށުމަކީ ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިންއަށް ހެދުނު ވަަރަށް ބޮޑު ގޯހެއް ކަމަށް ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ބްރުސެލްސްގައި ބޭއްވި ނޭޓޯ މެމްބަރު ގައުމުތަކުގެ ސަމިޓްގެ ކުރިން ވާހަކަ ދައްކަވަމުން ސްޓޮލްޓެންބާގް ވިދާޅުވީ މިނިވަން ދައުލަތެއް ހިފުމަށް އަސްކަރީ ބާރު ބޭނުންކުރުމަކީ ޕުޓިންއަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށެވެ.

"ޕުޓިން ވަނީ ޔޫކްރެއިން އަސްކަރިއްޔާއާއި ރައްޔިތުންގެ ހިތްވަރު ދެނެގަތުމަށް ފެއިލް ވެފައި،" ސްޓޮލްޓެންބާގް ވިދާޅުވި އެވެ.

ބްރުސެލްސްގައި ބޭއްވި ސަމިޓްގައި ނޭޓޯގެ ގައުމުތަކުން ވަނީ ދިގު މުއްދަތެއްގައި އިރުމަތީ ޔޫރަޕްގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކޮށްފަ އެވެ. އެ ޖަމާއަތުން މިހާތަނަށް ވެސް ވަނީ އެ ސަރަހައްދަށް އެތައްހާސް ސިފައިންނެއް ފޮނުވާފަ އެވެ.

ނޭޓޯގެ މެމްބަރަކަށް ނުވާ ޔޫކްރެއިނުގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވަނީ ތަކުރާރުކޮށް ނޭޓޯއާއި އެމެރިކާގެ އަސްކްރީ އެހީއަށް އެދިފަ އެވެ.

"ނޭޓޯ، އީޔޫ އަދި ޖީ7ގެ ފަރާތުން އެދެވޭ ފިޔަވަޅު ފެންނާނެ ކަަމަށް އުއްމީދު ކުރަން،" ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް ގިނަ ބަޔަކު މަރުވެ އަސްކަރީ ބޮޑު ގެއްލުންތަކެއް ލިބިފައިވާއިރު ނޭޓޯއާއި އެމެރިކާއިން ވަނީ ހަނގުރާމައިގައި ސީދާ ގޮތުން ބައިވެރި ވުމަށް ދެކޮޅު ހަދާފަ އެވެ. -- އަލް އަރަބިއްޔާ