އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޅ. ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް މިއަދު ކާމިޔާބު ކުރައްވައިފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމުންނެވެ. މަދީހަކީ ކުރެންދޫ ކައުންސިލްގެ މިދިޔަ ދައުރާއި އޭގެ ކުރީ ދައުރުގައި ވެސް ކައުންސިލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަ ކުރީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން މަދީހް އިންތިހާބު ކާމިޔާބު ކުރެއްވީ 48 ވޯޓުގެ ތަފާތަކުންނެވެ.

ޕީޕީއެމުން އިންތިހާބު ކާމިޔާބުކުރިއިރު، އެ އިންތިހާބުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރެންދު އަށް ވަޑައިގެން ނަސީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ކުރީގެ ރައީސް ޔާމީން ވެސް އެރަށަށް ވަޑައިގަތެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކެބިނެޓްގެ ބައެއް މިނިސްޓަރުން ވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެ ރަށަށް ވަޑައިގެންނެވި އެވެ.

ކުރެންދޫ ރައީސްގެ ގޮޑި ޕީޕީއެމްއިން ކާމިޔާބު ކުރިއިރު، އިންތިހާބާއި ދިމާކޮށް އެރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށަން ތައްޔާރުވި އެވެ. އޭގެ ތެރޭގައި އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކާއި ހައުސިން ޔުނިޓްތައް އަޅަން އިއުލާން ވެސް ކުރި އެވެ.