ކައިވެންޏެއް ނުވަތަ ލޯބީގެ ގުޅުމެއް ރޫޅުމަކީ ކޮންމެ މީހަކަށް ވެސް ގިނަ އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އަންހެނަކަސް ފިރިހެނަކަސް މިއީ ހަޔާތުގައި ކުރިމަތިވާނެ ވަރަށްބޮޑު އިމްތިހާނެކެވެ.
މިފަދަ ހާލަތެއްގައި ފަސްނުޖެހި ކުރިއަށް ދިއުމަށް އަހަރެމެންނަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން ތިރީގައި މި ބަލާލަނީ ކައިވެންޏެއް ރޫޅުމަށްފަހު ދިރިއުޅުމުގައި އިސްކަން ދޭންވީ ބައެއް ކަންކަމަށެވެ.
އާދޭސް ނުކުރުން
ބައިވެރިޔާގެ ރުހުމާއި ލޯބި ހޯދުމަށްޓަކައި އާދޭސް ނުކުރާށެވެ. އާދޭސްކުރަން ޖެހޭނަމަ އެއީ ތިބާގެ ހައްގަކަށް ނުވަނީ އެވެ. އެހެންކަމުން ގުޅުމެއް ރޫޅުމަށްފަހު އަލުން ގުޅުން ގާއިމު ކުރުމަށް އާދޭސް ކުރުމަކީ އަމިއްލަ ނަފުސުގެ އަގު ވަޒަން ކުރުމަށް އެޅޭ ހުރަހެކެވެ.
އިހްސާސްތައް ބޭރުކުރުން
ގުޅުމެއް ރޫޅުމަކީ ހިތާމައާއި ހިތްދަތިކަން ކުރިމަތި ކުރުވާނެ ކަމެކެވެ. ވީއިރު އެ އިހްސާސްތައް އަމިއްލަ ނަފުސަށް ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ގާތް މީހުންނާއި ހިއްސާކުރާށެވެ. ކުރިމަތިވި ބޮޑު ބަދަލުގެ ސަބަބުން ދަމާވި އުނދަގޫ ގޮތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.
ފައިތިލަ ސާބިތުކުރުން
ގުޅުމެއް ރޫޅުމަކީ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އާ ހިތްވަރަކާއެކު ހަޔާތުގެ އާ ސަފުހާއެއް ފަށަން އަޒުމް ކަނޑައަޅާށެވެ. ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލްކޮށް ކުރިއަށް އޮތް މުސްތަގުބަލް ބައްޓަން ކުރުމުގައި އެ ފިލާވަޅުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރާށެވެ.