އެއްވެސް ސިޔާސީ ހަރަކާތެއްގައި ހަވާ އެރުވުމުގެ ހިދުމަތް ދިނުމަށް ހުއްދަ ލިބިފައިނުވާ ކަމަށް ސިފްކޯއިން ބުނެފި އެވެ.

ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯއިން މިހެން ބުނެފައިވަނީ ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބުކުރުމާއި ގުޅިގެން އެކަމުގެ އުފަލުގައި ހަވާ އަރުވައިދިނުމުގެ ހިދުމަތަށް ސިފްކޯގައި އެދުނު އެދުމާއި ގުޅިގެން ދިން ޖަވާބުގަ އެވެ.

ސިފްކޯއިން ބުނީ އެކުންފުންޏަށް އެއްވެސް ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ހަވާ އެރުމުގެ ހިދުމަތް ދިނުމަށް ހުއްދަ ނުކުރާ ކަމަށެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބުކޮށްފިނަމަ އެ ރަށުގައި ހަވާ އަރުވައިދެއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ވިދާޅުވެފަ އެވެ. އެ ވިދާޅުވުމާއި އެއްގޮތަށް ވިޔަފާރި އުސޫލުން ހަވާ އަރުވައިދިނުމުގެ ހިދުމަތަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ސިފްކޯއިން ދިން ޖަވާބާ ގުޅިގެން ނަޝީދު ވިދާޅުވީ އޭނާ ވީ ވައުދު ފުއްދުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިފްކޯއިން ގެންދަނީ އެކި މުނާސަބަތުތަކާއި ގުޅިގެން އަދި އަމިއްލަ މީސްމީހުންގެ އެދުމަށް ވެސް ވިޔަފާރި އުސޫލުން ހަވާ އަރުވައިދެމުންނެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ ސިފްކޯއަށް އެކަންޏެވެ. އެކަން ކުރަނީ ސިފައިންގެ ބެލުމުގެ ދަށުން ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. މީގެ ކުރީން ގައުމީ ބޮޑެތި އިވެންޓްތަކާއި އަމިއްލަ މީސް މީހުންގެ ކައިވެނީގެ ހަފްލާތަކުގައިވެސް ސިފައިން ވަނީ ހަވާ އަރުވާފަ އެވެ.