ކުރެންދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާކުރުމާ ގުޅިގެން އުފާ ފާޅުކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ކުރެންދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް ޔާމީން އެރަށަށް ކުރައްވާ ދަތުރުފުޅަކީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނު ވަނީ، އެ ގޮނޑި ކާމިޔާބު ކޮށްފިނަމަ، އެ ކާމިޔާބީ ފާހަގަކުރައްވަން ކުރެންދޫއަށް ވަޑައިގަންނަވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފަ އެވެ.

ޕީޕީއެމުން ބުނިގޮތުގައި މިރޭ ކުރެންދޫގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންވަނާ ޖަލްސާއެއް ވެސް ކުރިއަށްދާނެ އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމުންނެވެ. މަދީހަކީ ކުރެންދޫ ކައުންސިލްގެ މިދިޔަ ދައުރާއި އޭގެ ކުރީ ދައުރުގައި ވެސް ކައުންސިލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަ ކުރީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން މަދީހް އިންތިހާބު ކާމިޔާބު ކުރެއްވީ 48 ވޯޓުގެ ތަފާތަކުންނެވެ.