ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި އަހްމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރަށް މަރު ހިފުމަށް ހުކުމްކޮށްފައިވާ މީހަކަށް މިރުޒާގެ ވާރިސުން ސުޕްރީމް ކޯޓުގައި މާފު ދީފި އެވެ.
މީ މަރުގެ މައްސަލައެއްގެ އެންމެ ފަހުގެ މަރުހަލާގައި ގާތިލަކަށް ވާރިސުން މައާފު ދިން ފުރަތަމަ ފަހަރެވެ.
މިރުޒާގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މެރުމަށް ދަށުކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެއީ ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފާއި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އެވެ. މި ދެ މީހުންގެ ތެރެއިން ނަޒީފުގެ މައްޗަށް ހައިކޯޓުން ވެސް ވަނީ އެކުށް ސާބިތުވެފަ އެވެ.
މިރުޒާއަށް ހަމަލާދިނީ 2011 ވަނަ އަހަރުގެ ތެރޭގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ޕާކު ސަރަހައްދުގަ އެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. މި މައްސަލާގައި ހިމެނޭ ނަޒީފުގެ މެރުމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ހުކުމްކުރީ މިރުޒާގެ ވާރިސުން އޭރު އެގޮތަށް ބޭނުން ކަމަށް ބުނުމުންނެވެ.
މި މައްސަލާގައި ސުޕްރީމްކޯޓުގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ މިރުޒާގެ ގާތިލުކަމަށް ދަށުކޯޓުން ހުކުމްކޮށްފައިވާ ނާޒިފަށް މާފުކުރި ކަމަށް ބުނެ މިރުޒާގެ ބައްޕަގެ ފަރާތުން އެ ކޯޓަށް ހުށައެޅި ސިޓީއަކާ ގުޅިގެންނެވެ. އެހެންކަމުން އެންމެ މަތީ ކޯޓުން ވަނީ މިރުޒާގެ ބައްޕައާއި މިރުޒާގެ ހުރިހާ ވާރިސުން ކޯޓަށް ހާޒިރުކޮށްފަ އެވެ.
މައްސަލަ ބެއްލެވި ބެންޗުން ވަނީ ނަޒީފަށް މައާފު ދިންތޯ މިރުޒާގެ ބައްޕައާއި ސުވާލުކޮށްފަ އެވެ. އަދި އެގޮތަށް ކަންކުރިނަމަ ނަޒީފްގެ ފަރާތުން އެއްވެސް ބިރެއް ދައްކާފައިވޭތޯ ނޫނީ ނަޒީފު ކުށަށް އިއުތިރާފުވީތޯ ބެންޗުންވަނީ މިރުޒާގެ ބައްޕައާ ސުވާލުކޮށްފަ އެވެ.
މި ސުވާލުތަކަށް ޖަވާބު ދެމުން މިރުޒާގެ ބައްޕަ ބުނީ ނަޒީފުގެ ފަރާތުން މައާފަށް އެދި އޭނާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ނަޒީފަށް މައާފުކުރީ އެއްވެސް ބިރެއް ދައްކައިގެން ނޫން ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ކުރިން އިލްމުވެރިންގެ ލަފާ ހޯދިކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ. އަދި ނަޒީފް ކުށަށް އިއުތިރާފުވީ ކުށެއް ކުރުމުން ކަމަށް ގަބޫލުކުރާ ކަމަށް ވެސް މިރުޒާގެ ބައްޕަ ވަނީ ކޯޓުގައި ބުނެފަ އެވެ.
މި މައްސަލަ ދަށު ކޯޓުން ފެށިގެން މިިހާތަނަށް އައިއިރު ވެސް ނަޒީފު އަންނަނީ އޭނާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާއަށް އިންކާރު ކުރަމުންނެވެ.
މިރުޒާގެ ބައްޕަ ނަޒީފަށް މައާފު ދިނުމުން މިރުޒާގެ ހުރިހާ ވާރިސުން ވެސް ވަނީ މައާފުދީފަ އެވެ. ވާރިސުންގެ ބަހަކަށްވީ ބައްޕަ އެގޮތަށް އެދުމުން އެ މީހުން ވެސް އެގޮތަށް ނިންމާފައިވާ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި ވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ އަދަބު ދެވޭނީ ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާނަމަ އެވެ.