ކީވް (07 އޭޕްރީލް) - ޔޫކްރެއިން ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ނިމުމަކަށް އައިސްދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ނޭޓޯގެ ޗީފް ޖެންސް ސްޓޮލްބަންބާގް ވިދާޅުވެއްޖެ އެވެ.

ބްރުސެލްސްގައި އޮންނަ ނޭޓޯގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ވާހަކަ ދައްކަވަމުން ޖެންސް ވިދާޅުވީ ޔޫކްރެއިން އެއްކޮށް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ރައީސް ވްލަޑިމީރް ޕުޓިން ކަނޑައަޅުއްވާފައިވާ މަގްސަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

"ޕުޓިންގެ މަގްސަދު ބަދަލުވި ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނެތް. މިގޮތުގެ މަތިން ހަނގުރާމަ މަސްތަކަށް ނުވަތަ އަހަރުތަކަށް ވެސް ދެމިގެން ހިނގައިދާނެ،" ޖެންސް ވިދާޅުވި އެވެ.

ޖެންސް މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ލަޝްކަރު ޔޫކްރެއިންގެ ވެރިރަށް ދޫކޮށް އިރުމަތީ ސަަރަހައްދުތަކަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގަ އެވެ.

ޖެންސް އިތުރަށް ވިދާޅުވީ މި ހާލަތުގައި ނޭޓޯއަށް ކުރެވެން އޮތް ކަމަކީ އިންސާނީ ގޮތުން ޔޫކްރެއިންއަށް އެހީވުން ކަމަށާއި ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހިފެހެއްޓުން ކަމަށެވެ.

"އަހަރުމެންނަށް ކުރެވެން އޮތްހާވެސް ކަމަކީ ޔޫކްރެއިންއަށް އެހީވުން، ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓުން،" ޖެންސް ވިދާޅުވި އެވެ.

ޔޫކްރެއިން ހަނގުރާމަ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ގަބޫލުކޮށް ދިގު މުއްދަތުގައި އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް ޖެންސް ވިދާޅުވި އެވެ.

ޔޫކްރެއިން ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެގައުމުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ ހުޅަނގުގެ އަސްކަރީ އެހީތެރި ކަމަށް އެކިފަހަރު މަތިން އެދިފަ އެވެ. -- އަލް އަރަބިއްޔާ