1.3 ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއަށް އަށް މިއަދު ދީފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 15 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ފަސް ރަށެއްގެ ފެނުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި ފެނުގެ މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކަކީ އެއް އަހަރުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަތަރު އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީން އެގްރިމަންޓްގައި ސޮއިކުރަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

ޕްލޭނިން މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ނެޓްވޯކު އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓްފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމުކޮށް އަދި ގޭގެއަށް ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށެވެ.

އެ މަޝްރޫގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.