ހޯރަފުއްޓާއި ހޯރަފުށީ އެއާޕޯޓް ހިމެނޭ ރަށް ގުޅާލާފައި އޮތުމުގެ ސަބަބުން ދިމާވަމުންދާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯރަފުއްޓާއި އެއާޕޯޓް ވަކިކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކުރާ ގޮތުގައި ހޯރަފުއްޓާއި އެއާޕޯޓް ވަކިކުރުމުގެ ޢަމަލީ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ އެވެ.

ހޯރަފުށި އެއަޕޯޓް އެޅުމަށް ހިއްކި ސަރަޙައްދާއި ހޯރަފުށި ގުޅާލާފައިވުމުގެ ސަބަބުން ހޯރަފުއްޓާއި އެއާޕޯޓް ހިމެނޭ ސަރަޙައްދުވެސް ގިރުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުން ނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހޯރަފުށީ ގިރާ މައްސަލަ ހައްލުކުރުމަށް ހޯރަފުއްޓާއި އެއާޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލާ ކޯޒްވޭއަކުން ދެރަށް ގުޅާލުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ޑިޒައިނިންގ މަސައްކަތް ކަމަށް އާޒިމް ވިދާޅުވި އެވެ. ހޯރަފުށީ ކޯޒްވޭ ކެނޑުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް ހަމަޖެހިފައިވަނީ ޔޫރަޕުން ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

މިތަކެތި ޖޫންމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް ބެލެވޭތީ އެމްޓީސީސީން ބުނީ ހޯރަފުށީ ކޯޒްވޭގެ މަސައްކަތް ޖޫންމަހުގެ ތެރޭގައި ޢަމަލީގޮތުން ފަށައިގަނެވޭނެކަމަށެވެ. މީގެ އިތުރުން އެމްޓީސީސީން މިހާރު އަންނަނީ އެއާޕޯޓް ހިމެނޭ ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓް އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައިވަނީ 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށް ހުޅުވި ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އެއާޕޯޓަށާއި ހޯރަފުއްޓަށް ވެސް އުދައަރާ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ރަންވޭ އާއި ހޯރަފުއްޓާ ގުޅާލާފައި އޮންނަ ކޯޒްވޭ އަށް ވެސް ރާޅާއެކު ގަލާއި ވެލި އަރާ، އެ ސަރަހައްދު ވަނީ ބަންދުކޮށް ހޯރަފުއްޓަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ. މުޅި އެއާޕޯޓު އޮތީ ފެނު އަޑީގަ އެވެ. އަދި ވަރަށް އުދައެރުމުގެ ސަބަބުން އެއާޕޯޓަށް އެހާބޮޑު ގެއްލުމެއްވީ ބިންހިއްކާފައިވާ ގޮތުން ކަމަށްވެސް އީޕީއޭއިން ބުނެފައިވެ އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އަރާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމަށް ނިންމީ ހޯރަފުށީ ފަޅުތެރޭގައި އޮންނަ މާފިނޮޅުގަ އެވެ. އަދި މާފިނޮޅާއި ހޯރަފުށި ކޯޒްވޭ އަކުން ގުޅާލުމަށް އޭރުވަނީ ޕްލޭންކޮށް ޑިޒައިންނިންގެ މަސައްކަތް ވެސް ނިންމާފަ އެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަަވާލުވުމަށްފަހު ނިންމީ މާފިނޮޅުގައި އެއާޕޯޓުނާޅާ ހޯރަފުށީ ބިން ހިއްކައިގެން އެއާޕޯޓު އެޅުމަށެވެ.