ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އޮޅިގެން ހާޒިރު ކުރެވިއްޖެ އެވެ.
ވަޒީރު މަޖިލީހަށް ހާޒިރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު، ކުރައްވާ ސުވާލަކާ ގުޅިގެންނެވެ. ވަހީދު ކުރައްވާ ސުވާލަކީ ހއ. ދިއްދޫގައި އައިސް ޕްލާންޓެއް ގާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައިވާ ކަމަށާއި، އެއާ އެއްގޮތަށް، 2021 ސެޕްޓެމްބަރު 8 ވަނަ ދުވަހު، ސައުދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަނީ އިޢުލާންކުރައްވާފައި ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން އެކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭތީ މިހާރު އެކަން ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އާއި އައިސް ޕްލާންޓް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާ ކުރާ ތާރީޚެއް އޮޅުން ފިލުވުމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރުގެ ސުވާލު ހުށައަޅުއްވާފައިވަނީ ލިޔުމުން ޖަވާބު ހޯދުމަށެވެ. ނަމަވެސް އިދާރީ އޮޅުމަކުން ވަޒީރު ހާޒިރު ކުރެވި މިއަދު ޖުމްލަ ބައިގަޑިއިރެއްހާ އިރު ވަންދެން މިނިސްޓަރު ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސުވާލު ކުރައްވަމުން ދަނިކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މިނިސްޓަރު ހާޒިރު ކޮށްފައި ވަނީ ގޯސްކަމަށް ވިދާޅުވެފަ އެވެ. މެމްބަރު އެގޮތަށް އެވާހަކަ ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ މެމްބަރު ވިދާޅުވީ ރަނގަޅަށް ކަމަށް ވިދާޅުވެފަ އެވެ.
"އިއްޒަތްތެރި ވަޒީރު މި ތަނަނަށް ވަޑައިގަންނަވަން ދެންނެވުނީ ގޯހުން. އިއްޒަތްތެރި ވަޒީރަށް ސުވާލުގެ ޖަވާބު މި ތަނަށް ލިއުމުން ފޮނުވަން ޖެހޭނީ. އެކަންކަން މިއަދު ހިނގައި ދިޔައީ ހިނގާންވީ ގޮތަކަށް ނޫން،" މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އެހާ ހިސާބުން މެމްބަރުން މިނިސްޓަރާ ސުވާލުކުރުމަށް އިތުރު ފުރުސަތެއް ރައީސް ނަޝީދު މެންބަރުންނަށް ނުދެއްވި އެވެ. ނަމަވެސް އޭރު ވަނީ ސުވާލު ކުރުމުގެ ވަގުތު ގާތްގަނޑަކަށް ހަމަވެފަ އެވެ.
ސާބަހޭ
ރޯދަމަސްކަމުންތަ ހަމަ؟