ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން އަންނަ މެއި މަހުގެ ތެރޭގައި ކިއުބާއިން 26 ޑޮކްޓަރަކު އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުން ނުލިބުމުގެ މިމައްސަލައަކީ ސިއްހީ ދާއިރާގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުންތަކެއް ރާއްޖެ ދޫކޮށް ދިއުމާ ގުޅިގެން ބަދަލުގައި ޑޮކްޓަރުން ހޯދުމަކީ ދަތި ކަމެއް ކަމަށާއި މި ސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ނަސީމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ކޮވިޑް ތެރޭގައި ބޭނުންވާ ވަރަށް ގިނަ މީހުން މިތަނުން ފުރައިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް ރެކްރޫޓް ކުރެވުނު މީހުންނަށް ވުރެ ފުރައިގެން ދިޔަ މީހުން މާގިނަ. އެހެންވީމާ އެ ގެޕް އަދިވެސް ފިލް ނުކުރެވިގެން މިއުޅެނީ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި ހައްލުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އަދި މަޖިލީހުގެ އެހީތެރިކަމާއި އިދާރާތަކުގެ އެއްބާރުލުމާ އެކު އެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ނަސީމް ވަނީ ތިނަދޫއަށް ފޮނުވި ފަސް ޑޮކްޓަރުން ވެސް ފިލައިގެން ދިޔައީ ކަމަށާއި، ނަމަވެސް ޑޮކްޓަރުން ފިލައިގެން ދިޔަ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ރާއްޖޭގެ ރަށްރަށަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދިޔަނުދީ އެއާޕޯޓާ ހަމައިން ހިފަހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި އެ އިންތިޒާމުތައް ހަމަޖެއްސެވީ ތިނަދޫއަށް ފޮނުއްވި ޑޮކްޓަރުން ފިލައިގެން ދިޔަ މައްސަލައާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.