ހއ. ދިއްދޫ އާ ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތައް ކުރެހުންތައް އަލުން ރިވިއުކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ކުރެހުންތައް އަލުން ރިވިއުކުރަން ނިންމީ މިތިން ރަށުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިންތައް ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ ކަމަށެވެ. މީގެ އިތުރުން މިހާރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވިސްނާއިރު ބަދަލު ކުރަންޖެހޭ ގިނަކަންތައްތަކެއް ހުރުމަކީވެސް ކުރެހުންތައް އަލުން ރިވިއު ކުރަން ނިންމި ސަބަބެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިއްދޫ އާއި އޭދަފުށި އަދި ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތައް އާއްމުކުރީ މިއަހަރުގެ ތެރޭގަ އެވެ.

އެ ކުރެހުންތައް އާއްމުކުރުމަށްފަހު ހެލްތު މިނިސްޓްރީން ބުނީ ޖާގަ ތަނަވަސްކޮށް އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ މިތިން ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެ ހޮސްޕިޓަލުތަކުގެ ޖާގައިގެ މައްސަލަ ކުރިމަތިވެފައިވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްގިކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީ ވެސް ރަށު ފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަންތަނަށް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރާނެ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ވެސް ހުޅުވާލާފަ އެވެ. ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއަކީ "ދަ ކުވެއިތް ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫތަކެކެވެ.