"ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރި މަތި ވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ޙަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެ އެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ޤާނޫނާ ޚިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް މީގެ ތެރޭގައި ނުހިމެނެ އެވެ."

މަތީގައި އެވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެފަދަ ކަމެއް ކުރިމަތިވުން، އެ ގާނޫނު އަސާސީގައި މާނަ ކޮށްދީފައި އޮންނަ ގޮތެވެ. އެ އިބާރާތްކޮޅު ނަގާފައި ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އޮތް ގާނޫނު އަސާސީގެ ކޮޕީއަކުން ކޮޕީ ޕޭސްޓު ކޮށްގެންނެވެ.

އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލުތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އެނގޭ ފަދައިން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވާނެކަން ޔަގީނެވެ. ހަތިޔާރެއް ބޭނުން ކުރުމެއް ނެތި، އުދުވާނީ އަމަލަކާ ނުލައި، ބަޔަކު ހިންގާ ޚިޔާލު ފާޅުކުރުމުގެ ހަރަކާތެއް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން ނިންމެވި ނިންމެވުން ފެތެނީ ގާނޫނުގެ ކޮން މާއްދާއަކަށްތޯ ގާނޫނީ މާހިރުން ސުވާލު ކުރައްވަމުން ގެންދަވަނީ އެވެ. ޚާއްސަކޮށް ކަމަކަށް ތާއީދު ކުރުމަށް ނުވަތަ އިންކާރުކުރުމަށް ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ނުނިންމޭނެ ކަމުގައި ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް ރައީސް އެގޮތަށް ނިންމެވުމުން އެ ނިންމެވުމަކީ ގާނޫނާ ޚިލާފު ނިންމެވުމެއް ކަން ކަނޑަ އެޅިގެން ސާބިތުވެ އެވެ. ސުވާލަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް މިފަދަ ބޮޑު ނިންމެވުމެއް ރައީސް ނިންމެވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ރައީސް ޔާމީން ވަނީ އެންމެ ޖުމުލައަކުން ވަރަށް ސާފުކޮށް ދެއްވާފަ އެވެ.

"ހާދަވަރަކަށް ދަށުވެފައޭ" މިއީ ރައީސުލް ޖުމުހޫރިއްޔާގެ ގަރާރުގެ ޚަބަރު އިވި ވަޑައިގެންނެވުމާ އެކު އާންމުންނަށް އެނގޭ ގޮތަށް ރައީސް ޔާމީން ވިދާޅުވި ހަމަ އެކަނި ބަސްފުޅެވެ.

މި ބަސްފުޅުން އަމާޒުވަނީ ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ތިބުން ކުށްވެރިކޮށް ގޮވާލާ ގޮވާލުން ހުއްޓުވަން އިންޑިއާއިން ދިވެހި ސަރުކާރަށް މަޖުބޫރު ކުރަމުންދާކަމެވެ. އެ މަޖުބޫރުކުރުމުގެ ކުރިމަތީގައި ދެކަކޫ މައްޗަށް ތިރިވުން ނޫން އެހެން ގޮތެއް ނެހެދޭ މިންވަރަށް މިއަދުގެ ސަރުކާރު އިންޑިއާ ދަށުވެފައިވާ ކަމެވެ.

އަމިއްލަ ގައުމުގެ މަސްލަހަތަށް ވުރެ ބޭރު ގައުމެއްގެ މަސްލަހަތު އިސްކޮށް އެ ގައުމަކުން ބުނާހާ ގޮތަކަށް ހަދަން މަޖުބޫރުވާ މިންވަރަށް މިއަދު ދިވެހި ސަރުކާރު ބަލިކަށިވެ، ނިކަމެތިވުމަށް ސަބަބުތަކެއް މެދުވެރިވި އެވެ. ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ ދާދި ފަހަކާ ޖެހެންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭބޭފުޅުން ބައްލަވަމުން ގެންދެވީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ރާއްޖެ ވަކި ފަރާތަކަށް ނުޖެހި ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބޭއްވޭތޯ އެވެ.

ރާއްޖޭގައި މަރުކަޒުކޮށްގެން ތިބި އިނގިރޭސި ސިފައިން ފޮނުވާލައި އެހެން އެއްވެސް ބާރަކަށް ރާއްޖޭގެ ސަރަހައްދުގައި މިލިޓަރީ ބޭނުމަށް ނުތިބެވޭ ގޮތަށް ކަންތައް ބައްޓަން ކޮށްފައި ބޭއްވި އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުން ވެސް ރާއްޖެއާ މެދު ގާތްކަން ބޭއްވި އެވެ. އެ މީހުންގެ ނުފޫޒު ދިވެހި ސަރުކާރަކަށް ނުފޯރަ އެވެ. އިންޑިއާ އިން އައިޖީއެމްއެޗް އަޅައިދިންއިރު، ޗައިނާއިން ސިނަމާލެ ފްލެޓްތައް އަޅައިދިނެވެ. ޕާކިސްތާނުން ރައްޔިތުންގެ މަޖިލިސްގެ އިދާރާ ހަދައިދިނެވެ.

މި ދެންނެވި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ރާއްޖޭގެ ވެރިކަމުގެ ތެރެއިން ފޮހެލެއްވި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތް ޕުޅުގެ ތެރެއިން އިންޑިއާގެ އެހީއަށް އެދިވަޑައިގެން ރާއްޖޭގެ އެތެރޭގެ ސިޔާސަތަށް އިންޑިއާއިން ބެހެން ޖެހޭނެ ކަމުގައި ފާޅުގައި ވާހަކަފުޅު ދައްކަވައި، އިންޑިއާއަށް ރާއްޖޭގެ ދާޚިލީ ކަންތަކާ ބެހެން ދައުވަތު ދެއްވި އެވެ.

އެ ހިސާބުން އެމަނިކުފާނާ އެމަނިކުފާނުގެ ޕާޓީވީ، އިންޑިއާގެ ޚާއްސަ ބައިވެރިން ކަމަށެވެ. ދެކުނު އޭޝިޔާގެ ހުރިހާ ގައުމެއްގެ މައްޗަށް އެމީހުންގެ ފުރިހަމަ ކޮންޓްރޯލް ބާއްވަން ބޭނުންވެފައި އޮތް އިންޑިއާއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންކޮށް ރާއްޖޭގެ އެތެރޭގެ ސިޔާސަތާ ބެހި އެމީހުންގެ ވަކި، ރާއްޖޭގައި ހިއްޕާލީ އެ ވަކިތަކުން ސަލާމަތް ނުވެވޭ ފަދަ ބާރަށެވެ. އެ މީހުންގެ މިލިޓަރީ ރާޑަރުތައް ރާއްޖޭގައި ހަރުކޮށް މިލިޓަރީ އުޅަނދުތައް ސިފައިންގެ ފައުޖަކާއެކު ރާއްޖެ ގެނެސް ރުކުރުވާލި އެވެ. ރާއްޖޭގެ ގާނޫނަކަށް ބެލުމެއްނެތި ގެނެސް އަތުރާލި އިންޑިއާ ސިފައިންގެ ލަޝްކަރު ދަނީ ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް ބާރުގަދަ ކުރަމުންނެވެ.

އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ވެއްދި އިންޑިއާގެ ނުފޫޒާ ނުލައި ދިވެހި ސަރުކާރު މިވަގުތު ހިންގަވަން ތިއްބެވި ފަރާތްތަކަށް ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ. އެހެންކަމުން ގާނޫނަކީ ގަވާއިދަކީ އިންޑިއާ ސަރުކާރުން ބުނާގޮތް ކަމަށްވެ، ދިވެހިންގެ އިސްތިގުލާލާއި މިނިވަންކަމަކީ އިންޑިއާގެ މަސްލަހަތު ކަމަށްވެ ނިމިއްޖެ އެވެ.