ހުޅުމާލޭގައި އަލަށް މީހުން އާބާދުވަމުން އަންނަ ހިޔާގެ ފްލެޓެއްގައި ލޭބާ ކުއާޓާއަކާއި ގުދަނެއް ހަދައިގެން ބޭނުން ކުރާތީ ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެނުނު ގޮތަށް، ހިޔާގެ ފްލެޓެއްގައި ވަނީ ގުދަނެއް ހަދައި ބޭނުން ކުރަމުންނެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ މުދާ ރައްކާކޮށްފައި ވެސް ހުއްޓެވެ. ނަމަވެސް އެއީ ކޮން ޓަވަރެއްގެ ފްލެޓެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

މީގެ އިތުރުން ހިޔާގެ އެހެން ފްލެޓެއްގައި ލޭބާ ކުއާޓާގައި ހަދައިގެން ބިދޭސީ އަންނަނީ ދިރިއުޅެމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި 10 ވަރަކަށް ބިދޭސީ ދިރިއުޅެމުންދެ އެވެ. އެއީ އެޗް ފަހެއްގެ ފްލެޓެއް ކަމަށްވެ އެވެ.

ހިޔާ ފްލެޓްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނައިރު މިކަންތައް ހުއްޓުވުމަށް އެޗްޑީސީން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ޝަކުވާކުރެ އެވެ.

ހިޔާ ފަލެޓްތައް މީހުންނާ ހަވާލުކުރިއިރު އެ ސަރަހައްދުގައި ޒަރޫރީ ބޭނުންތައް އުފެއްދޭނެ ގޮތެއް އެޗްޑީސީއިން ގާއިމްކޮށްފައެއް ވެސް ނުވެ އެވެ.

ހިޔާ ފްލެޓްގެ އެޕާޓްމަންޓް ބިދޭސީ ދިރިއުޅެނީ.. ފޮޓޯ: ސޯސަލް މީޑިއާ

ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފައިވަނިކޮށް އެ ފްލެޓްތައް ލިބުނު އެކި ފަރާތްތަކުން އެ ތަންތަން ކުއްޔަށް ދީފައިވާކަންވެސް ފާހަގަ ކޮށްލެވެ އެވެ. އެހެން ނަމަވެސް މިކަމާމެދުގައި ހައުސިން މިނިސްޓްރީން ވެސް އަދި އެޗްޑީސީއިން ވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ ހިދުމަތްތައް ލިބެން ނެތުމުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ގިނަ ޝަކުވާތަކެއް އަންނަނީ ކުރަމުންނެވެ. ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.

ހިޔާ ފްލެޓްގެ އެޕާޓްމަންޓް ލޭބާ ކުއާޓާއަކަށް ހަދާފައި.. ފޮޓޯ: ސޯސަލް މީޑިއާ

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ހިޔާ ފްލެޓްތައް ކުއްޔަށް ދޭ ނަމަ މައްސަލަ ބަލައި އެއްބަސްވުން ބާތިލް ކުރުން ފަދަ ކަންކަން ކުރާނެ އެވެ. ނަމަވެސް، އެ ކަންކަން ތަންފީޒު ކުރާނެ ގޮތެއް އެ މިނިސްޓްރީން ނުބުނެ އެވެ.

ނަމަވެސް އެފަދަ ޝަކުވާއެއް ބަލައި ފިޔަވަޅު އެޅިކަން އަދި އެނގޭކަށް ނެތެވެ.

މީގެ ކުރިން ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެއިން އެކި ފަރާތްތަކަށް ދީފައިވާ ފްލެޓްތައް ވެސް ކުއްޔަށް ދިނުމަކީ ވަރަށް އާންމުކަމެކެވެ. އެކަމަކު، އެކަމާ ގުޅިގެން ވެސް އެޅޭނޭ މާ ބޮޑު ފިޔަވަޅެއް ނޯވެ އެވެ.