ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި އުމުރުން 29 އަހަރުގެ ޒުވާނަގެ ހަށިގަނޑު، އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފި އެވެ.
ހޯމަ ދުވަހު ހެނދުނު މާވަށުގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލީ މާވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ. އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް މުހައްމަދު އިބްރާހިމް (29އ) އެވެ.
ފުލުހުންގެ މީޑިއާއާއި ހިއްސާކުރި މެސެޖެއްގައި ބުނީ މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މޫސާ، މަރަން އިބްރާހިމް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި މޫދަށް ފީނައިގެން ހޯދާފަ އެވެ.
ފުލުހުން ހައްޔަރުކުރި މީހާ އަކީ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ ކަމަށެވެ. އަދި މަރުވި މޫސާގެ ވެސް ކުށުގެ ރެކޯޑު އޮންނަ ކަމަމަށް އެ ރަށުން ވަނީ މައުލޫމާތު ލިބިފަ އެވެ.