ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި، އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާކުރުމަށް އުރީދޫން ހާއްސަ އޮފައެއް މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މި އޮފާގެ ދަށުން އީދު ޗުއްޓީ ތެރޭގައި ދުވާލަކު އެއް ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ. ޕެކް ގަތުމުން ހަތް ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު ދެ ޖީބީ، މުޅިއަކު ދުވާލަކު ތިން ޖީބީގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ.

އުރީދޫން ބުނިގޮތުގައި މި އޮފާ ތައާރަފް ކުރީ ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، އީދުގެ އުފަލާއި މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.

"އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް އަޅުގަނޑުމެންގެ މި އީދު އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން،" އުރީދޫގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފާގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވެސް ވަނީ ހާއްސަ އޮފައެއް ތައާރަފް ކޮށްފަ އެވެ. ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއާ ޕާޓްނަރުން ކަމަށްވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫން ބުންޏެެވެ.

"އުރީދޫ މޯލްޑިވްސްއިން ފިތުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރަމެވެ." އެ ކުންފުނިން އީދު ތަހުނިޔާ ފޮނުވަމުން ބުނެފައިވެ އެވެ.