އީދަށް ހެދުން ފެހުމާއި އީދަށް ކެއްކުމާއި އީދަށް ފުރައިގެން ދިއުން ފަދަ ކަންކަމަކީ ކޮންމެ އީދެއްގައި ހެން ކޮށްއުޅޭ ކަންކަމެވެ. ރާއްޖޭގެ އެކި ހިސާބުގައި އީދަށް ތައްޔާރުވުމާއި އީދު ފާހަގަކުރުން ތަފާތު ވެދާނެ އެވެ. އެހެން ނަމަވެސް އީދަކީ މުޅި ރާއްޖޭގެ ކުދިބޮޑު އެންމެން އެ އުފަލުގައި ޝާމިލުވެ، ފޯރީގައި ފާހަގަ ކުރާ ދުވަހެކެވެ.

ޒަމާން ބަދަލު ވުމަކުން އެކަމަކަށް ބަދަލެއް ނާދެ އެވެ. ބަދަލުވެފައި ވަނީ އެކި ޒަމާނުގައި އީދު ފާހަގަކުރާ ގޮތެވެ.

އީދު ފާހަގަކުރުމަކީ ދިވެހިން އިސްލާމް ދީން ޚިޔާރުކުރި ފަހުން ބަރާބަރަށް ކުރަމުން އަންނަ ކަމެއް ކަމަށް ވިޔަސް ކުރީގެ މާޒީގައި އެ ހަރަކާތްތައް އޮންނަ ގޮތުގެ މާބޮޑު މައުލޫމާތުތަކެއް ރަސްމީ ގޮތުގައި ލިޔެވި ރައްކާ ކުރެވިފައެއް ނުވެ އެވެ.

ދިވެހިން އީދު ފާހަގަކުރާ ގޮތާ ބެހޭގޮތުން އެންމެ ކުރީގެ އެއް ލިޔުމެއްކަމުގައި ވަނީ ރެހެންދި ޚަދީޖާގެ ވެރިކަމުގައި ރާއްޖެ ދުރުވެ، ރާއްޖޭގެ ފަނޑިޔާރުކަން ދުވަސްކޮޅަކު ކުރެއްވި މޮރޮކޯގެ ދަތުރުވެރިއެއް ކަމަށްވާ އިބުނު ބަތޫތާގެ ލިޔުމެކެވެ. އޭގެ ފަހުން ކަލާފާނުގެ ވެރިކަމުގައި ރާއްޖެއަށް އުރުނު ފަރަންސޭސި ނަވަކުން ރާއްޖެ އާދެވި، ރާއްޖޭގައި ދުވަސްތަކެއް ވަންދެން އުޅުނު ޕިރާޑް ޑި ލަވާލްގެ ލިޔުމުންނެވެ.

ޕިރާޑަކީ ރަދުންނާ ވަރަށް ގާތް ގުޅުމެއް އޮތް މީހެކެވެ. އޭނާ ރާއްޖޭގައި އުޅުނު ދުވަސްވަރު އޭނާ ގެންދިޔައީ ދިވެހިންގެ އާދަކާދައާ ބެހޭ ގޮތުން ވިސްނައި ބަލައި ދަސްކޮށް އެ މައުލޫމާތު ނޯޓު ކުރަމުންނެވެ. އެހެންކަމުން އޭނާ އެނބުރި ފަރަންސޭސިވިލާތަށް ދިއުމަށް ފަހު ލިޔުން ފޮތަކީ ރާއްޖޭގެ އޭރުގެ ދިރިއުޅުމުގެ ވައްޓާފާޅި އާއި އާދަކާދަތައް ވަރަށް ރީތިކޮށް ސިފަކޮށްދީފައި އޮތް ފޮތެކެވެ.

ރޯދަ މަސްނިމި އީދަށް ހަނދު ބަލައި ހަނދު ސާބިތުވުމާއެކު އީދު އައިކަން އިއުލާންކުރުމަށް ގަނޑުވަރުން ލާ ކޮއްޔަކީ ޕިރާޑު ބަޔާން ކުރައްވާ ގޮތުން ނަމަ އެދުވަސްވަރުގެ އީދުގެ ރަސްމިއްޔާތު ފެށުމެވެ. އެކަމަށްޓަކައި ޚާއްސަ ތާޅަފިއްޔެއް ފުމޭނެ އެވެ. އެއަށް ފަހު އީދު ދުވަހު ހެނދުނު ހުރިހާ ފިރިހެނުން ފެންވަރައި، ނަލަ ހެދިގެން އީދު ހެދުން އަޅާނެ އެވެ.

ޕިރާޑު ބަޔާން ކުރާ ގޮތުން ނަމަ "ކޮންމެ މީހަކު ވެސް އެދުވަހު އަޅާނީ އެކަމަށް ޚާއްސަ ކޮށްރައްކާ ކޮށްފައި ބަހައްޓާ ހެދުމެކެވެ. އެއަށްފަހު އެހެދުން ވަރަށް ކަމޭހިތައިގެން ރައްކާ ކޮށްފައި ބާއްވާނީ އޭނާ މަރުވެގެން ކަށްވަޅަށް ގެންދާ ސަންދޯކުގެ މަތީގައި އެޅުމަށެވެ."

ރަށުގެ ހުރިހާ ފިރިހެނުންނެކޭ އެއްފަދައިން ރަސްގެފާނު ވެސް އީދު ނަމާދަށް ވަޑައިގަންނަވާނެ އެވެ. ރަސްގެފާނު ވަޑައިގަންނަވާނީ ރަސްމީ އިއްޒަތުގަ އެވެ.

އީދު ނަމާދަށް ފަހު ރަދުން އެނބުރި ވަޑައިގަންނަވާ ރަސްމިއްޔާތު ވަރަށް ފުރިހަމަވާނެ ކަމަށް ވެސް ޕިރާޑު ލިޔެފައިވެ އެވެ.

ރަސްކަމުގެ އިއްޒަތްތެރިންނާއެކު ރަސްގެފާނު ވަޑައިގަންނަވާނީ ބެރު ދުންމާރި ތާޅަފިލީގެ ރަސްމީ އިއްޒަތުގަ އެވެ. އެ ވަގުތު މުޅި ޖައްވު ގުމުމައިފައި އޮންނާނީ ތަފާތު ބަޑިތަކުގެ އަޑުންނެވެ. އެގޮތުގައި ގަނޑުވަރާ ހަމަޔަށް ވަޑައިގެންނެވުމުން ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވަރަށް ޚާއްސަ ދެ ޖަނަވާރެއް ގެނެވޭ ކަމަށް ޕިރާޑު ލިޔުއްވި އެވެ. އެއީ ފުއްލާއަކާ ފިރިހެން ގެރިއެކެވެ. އެ ދެ ޖަނަވާރު ކަތިލައި، އޭގެ މަސް ކުދިކޮށް ކޮށައި، ގަނޑުވަރުތެރޭގެ ބޮޑުންނާއި އާންމުންގެ ތެރެއިން ވެސް ރަސްގެފާނު ހިތްޕުޅު ހަމަކުރެއްވި ބަޔަކަށް އެ މަސްތައް ބައްސަވާނެ އެވެ.

ޕިރާޑު ބަޔާންކުރާ ގޮތުގައި ރަސްގެފާނުގެ އަތްޕުޅުން މި މަސް ލިބޭ މީހުން އެ މީހުންގެ ރައްޓެހިންނަށް ވެސް ބަހައި އުޅޭނެ އެވެ. އެކަމަކީ އީދު ދުވަހު އެމީހުނަށް ލިބޭ ބޮޑު ޝަރަފެއް ކަމަށްވެ އެވެ.

އީދު ދުވަހުގެ އަޅުކަމާ ގުރުބާނީގެ ފަހުން އީދުގެ ކުޅިވަރުތައް ރަސްމީ ގޮތުން އޮންނާނީ ރޭގަނޑު އެވެ.

ޕިރާޑުގެ ބަހުންނަމަ އެ ކުޅިވަރުތައް ފެށޭނީ ރޭގަނޑުގެ ފަރިއްކޮޅަށް ފަހު އެވެ. ރޭގަނޑުގެ ފަރީއްކޮޅަށް ރަސްގެފާނުގެ ޚާއްސަ ޖާފަތަށް ރަށުގެ ކަމުވޮށިވެގެންވާ ގިނަ ބަޔަކަށް ދައުވަތު ލިބޭނެ އެވެ.

ރަސްގެފާނެކޭ އެއްފަދައިން ރަށުގެ ގިނަ ރައްޔިތުން ވެސް އެފަދަ ޖާފަތްތައް ބާއްވައި ގާތް މީހުނަށް ދައުވަތު ދީގެން ކާންދިނުން އޮންނާނެ އެވެ. މި ޖާފަތްތައް ނިމި ރަސްގެފާނު ނިކުމެވަޑައިގެންނެވުމުން ގަނޑުވަރުގެ ކުރިމަތީގައި އީދު ކުޅިވަރު ފެށޭނެ އެވެ.

ޕިރާޑުގެ ބަހުންނަމަ "ރޭގަނޑުގެ ކެއުމަށް ފަހު މުޅިން ވެސް އޮންނާނީ ކުޅިވަރާއި ނެށުމާއި އުފާ ކުރުމެވެ."

ތިން ދުވަހަށް ދެމިގެންދާ އީދު ކުޅިވަރުތަކުގެ ތެރޭގައި އޮންނަނީ ހެވިކަމުގެ ތަފާތު އުކުޅުތައް ދެއްކުމެވެ. ކަނޑިއާއި ލޮންސި ބޭނުން ކޮށްގެން ކުޅޭ މި ހެވިކަމުގެ ކުޅިވަރުތައް ފުރަތަމަ ރޭ އޮންނަނީ ބޮޑު ގަނޑުވަރު ކުރިމަތީގަ އެވެ. ދެވަނަ ރޭ އެކިއެކި އިއްޒަތްތެރިންގެ ގެކޮޅުތަކުގެ ކުރިމަތީގަ އެވެ.

މި ކުޅިވަރުތަކުގެ އިތުރުން ބާވަތް ބާވަތުގެ ހެދުން އަޅައިގެން މީހުން ހެއްވަން ވައްތަރު ޖެއްސުން ވެސް އޮންނަ ކަމަށް ޕިރާޑު ލިޔެފައިވެ އެވެ. ޕިރާޑުގެ ބުނާ ގޮތުން "އީދާ ގުޅިގެން ދެން އޮންނަ ކުޅިވަރަކީ އެއްގަމުގައި ދުއްވާ ބޮޑެތި ނައުފަހަރު ހެދުމެވެ. އެ ރަށުގެ ބޮޑެތި މަގުތަކުގައި އެ ނައުފަހަރު ދުއްވާނެ އެވެ. އޭގައި އުޅޭ މީހުން ތިބޭނީ ބޭރު އެކި ރަށްރަށުގެ ހެދުން އަޅައިގެން ސިފަ ބަދަލު ކޮށްގެންނެވެ. އެއްމަގަކުން މީގެ ދެ ނައު ބައްދަލު ވެއްޖިއްޔާ އެކަތި އަނެކައްޗަށް ކުޅިވަރުގެ ހަނގުރާމަކުރުން ދައްކާނެ އެވެ. މިއީ ރަސްގެފާނާއި އެހެންވެސް މީހުން ބަލާހިތްވާ ފޫހިފިލުވާ ކުޅިވަރެކެވެ. އެހެންކަމުން ރަދުންގެ ގަނޑުވަރުން އެ މީހުންނަށް ބިލެއް މަލާފަތް ލިބޭނެ އެވެ."

މިއަހަރުގެ ފިތުރު އީދު ދުވަސް ނިމިގެން ދިޔައީ ގިނަ ބަޔަކު އީދުގެ އުފާކުރުމަށް ރާއްޖޭގެ އެކި ކަންކަންކޮޅުތަކަށް ޒިޔާރާތްކޮށް، މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. މިފަދަ ހަރަކާތްތައް މިއަދު ފާހަގަކުރާ ގޮތާއި ކާބަފައިން އެ ދުވަސްތައް ފާހަގަ ކުރިގޮތާ އަޅާކިޔާލުމަކީ ރަނގަޅު ކަމެކެވެ.