ރިޔާދު (08 މެއި) - ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ބައެއް ޓެސްޓުތައް ހަދަން އެމަނިކުފާނު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެގޮތުން ސަލްމާން ރަސްގެފާނު އެނދުމަތި ކުރެވި ފަރުވާ ދެވެމުން ދަނީ ޖިއްދާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާއިރު އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.

އުމުރުން 86 އަހަރުފުޅުގެ ސަލްމާން ރަސްގެފާނު މީގެ ކުރިން ގޯލްބްލެޑާ އޮޕަރޭޝަނެއް ކުރައްވާފައިވާއިރު އެމަނިކުފާނުގެ ހިތަށްވެސް ވަނީ ޕޭސް މޭކަރެއް ލައްވާފަ އެވެ.

މިދިޔަ މާޗް މަހު މި ޕޭސްމޭކަރުގެ ބެޓެރި ބަދަލު ކުރުމަށްޓަކައި ވެސް ސަލްމާން ރަސްގެފާނު ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވެ އެވެ.

މުސްލިމުންގެ އެންމެ މާތް ބިމުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ސަލްމާން ރަސްގެފާނު އެ މަގާމާ ހަވާލުވެ ވަޑައިގަތީ ވަލީއަހްދެއްގެ ގޮތުގައި ދެއަހަރާއި ބައި ހޭދަކުރެއްވުމަށްފަހު 2015 ވަނަ އަހަރު އެވެ.

ސަލްމާން ރަސްގެފާނުގެ ވަލީ އަހްދެއްގެ ގޮތުގައި މިވަގުތު ހުންނެވީ ދަރިކަލުން މުހައްމަދު ބިން ސަލްމާނެވެ. -- އަލް އަރަބިއްޔާ