މާމަގެ ފައްޓަރުބައި ވިއްކާލައިގެން ވެސް ރާއްޖެ އިން ކުރިން ނަގާފައި ހުރި ދަރަނިތައް ދެއްކުމުގެ ފުރުސަތު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޓަރު ބައެއްގެ ފޮޓޯއަކާއެކު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް މިއަދު ކުރިޔަށް ގެންދިޔައިރު އަންނަ އަހަރު ދައުލަތުގެ އާމްދަނީގެ 53 ޕަސެންޓް ހޭދަ ކުރަން ޖެހޭނީ ދަރަނި ދެއްކުމަށް ކަމަށެވެ. އަދި އޭގެތެރެއިން 80 ޕަސެންޓް ދަރަންޏަކީ ޗައިނާ އަށް ދައްކަން ޖެހޭ ފައިސާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހިންގި ތަރައްގީގެ އެކި މަޝްރޫއުތަކަކަށް ޗައިނާއިން ކުޑަ އިންޓަރެސްޓް ރޭޓެއްގައި ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ލޯނު ދީފައިވެ އެވެ.

"މިއީ އުފުލޭނެ ބުރައެއް ނޫން. މިއަދު މަޖިމާމަގެ ގަހަނާތައް ވިއްކާލައިގެން ވެސް މި (ދަރަނި) އަނބުރާ ނުދެއްކޭނެ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި އިއްޔެ ވާހަކަދައްކަވަމުން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓު ކިތައްމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް އެ ހަޑި ހުތުރުކަމަކީ މި ސަރުކާރުން ގެނައި އެއްޗެއް ކަމަށެވެ. އަދި މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަން ޖެހޭތީ ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޗައިނާއިން، ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނުމަކީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.