ކޮލަމްބޯ (11 މެއި) - ސްރީލަންކާގެ މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ވެރިކަމެއްގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދަސަ ބޮޑު ވަޒީރުކަމާ ހަވާލު ނުވާނެ ކަމަށް އިދިކޮޅު މައި ޕާޓީން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕާލިމެންޓް މެމްބަރު ލަކްޝްމަން ކިރިއެއްލާ ވިދާޅުވީ ސަޖިތު ބޮޑު ވަޒީރުކަމާ ހަވާލުވާނީ ގޮޓަބަޔަ އޭނާގެ މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

އެއާއެކު ގޮޓަބަޔައާ ދެކޮޅަށް މަޖިލީހަށް ހުށައަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވާ ވާނެ ކަމަށާއި އަންނަ ހަފްތާގައި ބަހުސް ފެށޭނެ ކަމަށް ވެސް ލަކްޝްމަން ވިދާޅުވި އެވެ.

ލަންކާގައި މިދިޔަ ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކަށްފަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.

ލަންކާގެ އިގްތިސާދު ދަށަށް ގޮސް އާއްމު ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު މި ހާލަތަށް ގައުމު ދާން ޖެހުނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނަމުންދެ އެވެ. --ނިއްސްވަޔާ