ކާބަފައިން ވަނީ އެމީހުންނަށްވުރެ މާ ވަރުގަދަ ލަޝްކަރުތަކާއި އެތައް ފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފައިވާ ބައެއް ކަމަށާއި ދިވެހި ދިދައަށްޓަކައި ކުރެވޭ ހަނގުރާމައަށްވުރެ މަތިވެރި ހަނގުރާމައެއް ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ކާބަފައިންނަކީ ގައުމަށްޓަކައި މަތިވެރި ފަހުރެއްވާ ބައެއް ކަމަށާ ކާބަފައިން ވަނީ އެތައް ގުނައެއް ބޮޑު ލަޝްކަރުތަކާ ހަނގުރާމަ ކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ދިދައަށްޓަކައި ކުރެވޭ ހަނގުރާމައަކީ މަތިވެރި ހަނގުރާމައެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަރުވަންދެން ދިވެހި ދިދަ ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޓްވީޓާ އެކައުންޓް ބޭނުންކުރަން ފެށި ފަހުން ކޮންމެ ދުވަހު ކަހަލަ ގޮތަކަށް ރައީސް ޔާމީން އަންނަނީ އެކި ކަހަލަ މައްސަލަތަކުގައި ޓްވީޓް ކުރަންވަމުންނެވެ.

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް މިއަދު ވެރިފައިކުރިއިރު 7،372 މީހުން މިހާތަނަށް އެމަނިކުފާނުގެ އެކައުންޓް ފޮލޯ ކުރެ އެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް ގޮވާލާ ހަރަކާތްތެއް ހިންގަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދަނީސް އެ ހަރަކާތް ނުހުއްޓާނެ ކަމަށްވެސް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.