ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ މެންދުރުފަހު ރައީސް ސޯލިހު ފުރާވަޑަގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފަ އެވެ.

ޝައިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިހު ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.ރައީސްގެ މެސެޖުގައި ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ، ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެގެ ވަގުތެއްގަ އެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ. ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރު އެވެ.