ދާހިލުމަކީ އާންމު ކަމެއް ނަމަވެސް މާ ގިނައިން ދާހިތްލާނަމަ، ދާހިތްލުން މަދުކުރުމަށް ކުރެވިދާނެ ކަންކަން ހުންނާނެ އެވެ. އެގޮތުން ގިނަ ކަންކަމަކީ ދިރިއުޅުމަށް ގެންނަ ބަދަލަކުން ރަނގަޅުކުރެވޭނެ ކަންކަމެވެ.

ގިނައިން ފެންބުއިން

ދުވަހުގެ ބުރަ މަސައްކަތުގައިވެސް ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ފެނަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާއަކަށްވާއިރު ބޯންޖެހޭ ވަރަށް ފެން ނުބޮވޭ ނަމަ ކޮންމެ ދުވަހަކު ހަށިގަނޑުން ބޭރުވާން ޖެހޭ ބައި ބޭރުނުވެ އިތުރު ސިއްހީ މައްސަލަތަކަށް މަގުފަހިވާނެތީ އެވެ. ކޮންމެ ދުވަހަކު މަދުވެގެން 8 ތަށި ފެން ބުއިމަށް ސިއްހީ މާހިރުން ބުނެ އެވެ.

ހޫނުފެނުން ފެންނުވެރުން

ހަށިގަނޑުގެ ހޫނުމިނަށްވުރެ މަތިން ފެންވެރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް ނަމަވެސް އެއީ ދާހިތްލުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި ފިނިފެނުން ފެންވަރާށެވެ. އަދި އެންޓި ބެކްޓީރިއަލް ސައިބޯންޏެއް ބޭނުންކުރާށެވެ. އެކަމުން ދަލާއެކު ގައިން ދުވާ ނުބައިވަސް ވެސް ކުޑަ ކޮށްދޭނެއެވެ.

ކެފެއިން މަދުކުރުން

ކޮފީތަކަށް އެރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެގޮތުން ދުވާލަކު ދެތިން ފަހަރަށް ކޮފީއަށް ރައްޓެހިންއެކީ މޭޒެއް މައްޗަށް ނާރާބައެއް މަދުވާނެ އެވެ. ކެފެއިންގެ ސަބަބުން އެންޒައެޓީ އަށް މަގުފަހިވާތީ، ހަށިގަނޑުން ގިނައިން ދާހިތްލަން މެދުވެރިވެ އެވެ.

ޔޯގާ

ޔޯގާ ކުރުމަކީ މިކަމަށް އޮތް ގުރުރަތީ ޙައްލެކެވެ. ހަށިގަނޑުގެ ނާރުތައް ދެމި، ހަމަޖައްސައިލައިދޭ ކަމަކަށް ޔޯގާ ވެގެންދާއިރު ނޭވާލާން ފަސޭހަވެ ހަމަޖެހިލުމުގެ ސަބަބުން ގިނައިން ދާހިއްލުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދެ އެވެ.