ކީވް (17 މެއި) - ފިންލެންޑާއި ސްވިޑަންއިން ނޭޓޯއާ ގުޅުނަސް އެކަމުން ރަޝިއާއަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް އަސްކަރީ އިންފްރާސްޓްރަކްޗާ އިތުރު ކުރާނަމަ ރަޝިއާއިން ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި މިވަނީ އެ ދެގައުމުން ނޭޓޯއާ ގުޅުމަކީ ހެދޭނެ ވަަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ބޭނުން ނުވާ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ރަޝިއާގެ ބޮޑުވަޒީރު ސާޖޭ ރަބްކޯވް ވިދާޅުވެފައި ވަނިކޮށެވެ.

ސްވިޑަންއާއި ފިންލޭންޑުން ނޭޓޯގެ މެމްބަރުކަމަށް އެދި ހުށައަޅާފައިވާއިރު މި ކަމަކީ ހޫނުވެފައިވާ ޔޫކްރެއިންގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމުގައި މާހިރުން އަންނަނީ ބުނަމުންނެވެ.

ނޭޓޯއަށް އާ މެމްބަރުން އިތުރު ކުރަން އެ ޖަމާއަތުގެ 30 މެމްބަރު ގައުމުގެ ރުހުން ބޭނުންވާއިރު ތުރުކީއިން ވަނީ މިކަމަށް ތާއީދުނުކުރާކަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.

ނަމަވެސް ތުރުކީގެ ނުރުހުމާ އެކުވެސް އެދެގައުމަށް ނޭޓޯގެ މެމްބަރުކަން ހޯދައިދޭނެ ކަމަށް އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފަ އެވެ.

ނޯޑިކް ސަރަހައްދުގެ ފަސްގައުމުގެ ތެރެއިން ނޭޓޯއާ ނުގުޅި އޮތް ދެގައުމަކީ މި ދެގައުމަށް ވާއިރު ބޯޑަރުގެ ގޮތުން ރަޝިއާއާ ގުޅިފައި އޮތް ފިންލެންޑް ނޭޓޯއާ ގުޅުމަކީ ނޭޓޯގެ ބާރު ރަޝިއާގެ ބޯޑަރު ކައިރީގައި އިތުރަށް ވަރުގަދަ ކުރުވާނެ ކަމެކެވެ.

މީގެ ކުރިން އެއްެވެސް ފަރާތަކަށް ނުޖެހި އޮތް ސްވިޑަންއާއި ފިންލެންޑް ނޭޓޯއާ ގުޅެން ނިންމީ ގައުމީ ސަލާމަތާއި އިސްތުގްލާލު ރައްކާތެރި ކުރަން ކަމަށް އެދެގައުމުން ވެސް ވަނީ ބުނެފަ އެވެ.

ތުރުކީގެ ބޮޑުވަޒީރު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާ ބްލިންކަންއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު މިކަމަކީ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.