ހުޅުމާލެ ގިނަ ބަޔަކަށް ފަސޭހައިން އުޅެވޭ ގޮތަށް ސްމާޓް ސިޓީއެއް ގޮތުގައި ތަރައްގީކުރަމުން އަންނައިރު ހުޅުމާލޭގައި އެންމެ ފަހުން ހުޅުވި ފުޓް ކޯޓަށް ނުކުޅެދޭ މީހުންނަށް ވަދެވޭނެ ގޮތެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ހުންނަ ފިތުރޯނުމަގުގެ ފްކެޓްތައް ކުރިމައްޗަށް ވާގޮތަށް އޮންނަ ޖަވާހިރުމާ ހިނގުމުގައި މިދިޔަ ފެބްރުއަރީ މަހު ހުޅުވި "ވޯޓާސް އެޖް" އަށް ނުކުޅެދޭ މީހުންނަށް ވަދެވޭނެ ގޮތް ނެތުމުން ސޯސަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝަފްރާޒް އަހުމަދު ހުސެއިން ކިޔާ މީހަކު ކުރި ޓުވީޓްގައި ބުނެފައި ވަނީ ސްމާޓް ސިޓީ ނަމުގައި ތަރައްގީކުރާ ހުޅުމާލޭގައި އެންމެ ފަހު ހުޅުވި ފުޓް ކޯޓަށް ނުކުޅެދޭ މީހުންނަށް ވަދެވޭނެ ގޮތެއް ހަދާފައި ނެތް ކަމަށެވެ. އަދި މިތަން ހުޅުވަން ހުއްދަދިން އިރު އެކަމަށް ބަލާފައިނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހުއްދަ ދޭއިރު މިވަރު ބަލާނުލަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.
މި ޓުވީޓްގައި އޭނާ ވަނީ އެޗްޑީސީ ވަނީ ޓެގް ކޮށްފަ އެވެ.
އެކަމަށް ފާޑުކިޔަމުން ބައެއް މީހުން ބުނެފައި ވަނީ ހަމައެކަނި ސުމާޓް ވަނީ ފޯނު ކަމަށެވެ. އެހެން ހުރިހާ ގޮތަކުން ސްމާޓް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅުމާލޭގެ މަގުތައް ނުކުޅެދޭ މީހުންނަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރިއިރު، މާލޭގެ މަގުތައް ވެސް ނުކުޅެދޭ މީހުންނަށް ފަސޭހައިން މަގުތަށް ބޭނުންކުރެވޭ ގޮތަަށް ވަނީ ދާދިފަހުން ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އަމިއްލަ ކުންފުންޏަކުން އާއްމުންނާ ގުޅުން ހުރި މިފަދަ އިމާރާތެއް ހެދިއިރު، ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ހޯދުމަށް އެ ފަރާތްތަކަށް ފަސޭހައިން ވަދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު މިތަނުގައި އެފަދަ އިންތިޒާމެއް ނެތުމުން ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.
ވޯޓާސް އެޖަކީ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރުގެ ހިއްސާ އޮންނަ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓުން ހަދާފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ. އެ ކޮމްޕްލެސްކްއަށް ނަން ދީފައި ވަނީ ވެސް އެތަން ހެދި ކުންފުނިންނެވެ. އަދި މުޅި އިމާރާތް ޑިޒައިންކޮށްފައި ވަނީ ވެސް އެ ކުންފުނިންނެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ވޯޓާސް އެޖްގައި ކުރިއަށް އޮތް ތަނުގައި ގިނަ އައުޓްލެޓްތަކެއް ހުޅުވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، މިހާރު ވެސް އެތަނުގައި މޭރީ ބްރައުން އާއި ޕިއްޒާ މިއާގެ އައުޓްލެޓެއް ހުޅުވާފައިވެ އެވެ.
އިމާރާތުގެ ބޭރު ޑިޒައިން ކިތަންމެ ރީތިވެފައި ހިތްގައިމު ވިޔަސް، މިއީ ނުކުޅެދޭ މީހުންނަށް އެހާ ހިތްގައިމު ތަނަކަށް ނުވެ އެވެ.