އަގު ބޮޑު އިނާމާއެކު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިސްލާމިކް ސެންޓަރެއް އެޅުމަށްޓަކައި ޑިޒައިން ކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ދެ ވަނަ ދިޔަވަހީގައި ބިނާކުރާ ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިމުބާރާތުން އެއް ވަނައަށް ދާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާ، ދެ ވަނަ އަށް ދާ ފަރާތްތަކަށް ދެ ލައްކަ ރުފިޔާ އަދި ތިން ވަނަ އަށް ދާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއެއް، އޮފީސްބައި، މަލްޓީޕާޕަސް ހޯލް، ސެމިނާ ރޫމް، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާއެއްގެ އިތުރުން ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނެއްވާނެ ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ބިނާކުރާ އިސްލާމިކް ސެންޓަރަކީ ތަފާތު އާ ޑިޒައިނަކަށް ހަދާ ތަނަކަށްވާއިރު، މިކަމަށް ހުށަހަޅާ ޑިޒައިންތަކަކީ މީގެކުރިން އެއްވެސް ތަނަކުން ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެކަމަށްވެސް އެމިނިސްޓްރީން ހާމަކުރެ އެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި މި މުބާރާތާބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި ގދ. ތިނަދޫގައި އިސްލާމިކް ސެންޓަރު ހަދައިފަ އެވެ.