އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް އުފެއްދި އޮޓޮމެޓިކް ސެނިޓައިޒާ މެޝިނެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ހަދިޔާ ކުރައްވައިފި އެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސްދައުރެއް އަދާ ކުރައްވާ ޝަރީފް މިސެނިޓައިޒަރ މެޝިން އުފެއްދީ މިލޮކްޑައުންގެ ތެރޭގައި ލިބުނު ޗުއްޓީ ތެރޭގަ އެވެ. އަދި 1.5 ލީޓަރުގެ ސެނެޓައިޒާ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ވަނީ ހަދިޔާކޮށްފައި

މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުން ވާ ވަރަށް ދެ އަތްތިލަ ސެނިޓައިޒް ކުރެވޭ މެޝިނެކެވެ.

މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ މިއުފެއްދުންތެރި މަސައްކަތަށްޓަކައި ޝަރީފަށް ހިތްވަރު ދެއްވައިފަ އެވެ.

ރާއްޖެއަށް ސިއްހީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފަ އެވެ.

ޝަރީފް އުފެއްދި ސެނިޓައިޒާ މެޝިން މިނިސްޓަރު މާރިޔާއަށް ހަދިޔާ ކުރެއްވުމަށް ބުދަދުވަހު ބަނޑޭރި ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސާޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފަ އެވެ.