ފްރާންސްގައި ބާއްވާ ކޭންސް ފިލްމް ފެސްޓިވަލް 2022 އަށް ދަތުރުކުރަނިކޮށް، ސައުތު އިންޑިއާގެ މަޝްހޫރު ތަރި ޕޫޖާ ހެޖްގެ ފޮށި ގެއްލިއްޖެ އެވެ.

ކޭންސް ފެސްޓިވަލްގައި ގިނަ އަދަދެއްގެ އިންޑިއާ އަދި ހޮލީވުޑް ފަންނާނުން ހާޒިރުވެފައިވާއިރު، ތަރިންގެ ރީތި ހެދުންތަކުން ފޭނުން ވަނީ އާޝޯހު ކުރުވާފަ އެވެ.

ނަމަވެސް އެ ފެސްޓިވަލަށް ދަތުރު ކުރި ރާސްތާގައި ޕޫޖާ، އޭނާގެ ފޮށި ގެއްލުނުކަން ހާމަކޮށްފައިވާއިރު، އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނުކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން ގެއްލިފައިވަނީ ފެސްޓިވަލްގައި ލާން ހަމަޖެހިފައިވާ ހެދުން އަޅާފައިވާ ފޮށި ކަމަށް ޕޫޖާ ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން ވެސް އެއް ފޮށި، އިންޑިއާގައި އޭނާގެ ކާރުގައި ބާއްވާފައި އާދެވުނު ކަމަށް ޕޫޖާ ބުންޏެވެ.

ޕޫޖާ ވަނީ ފޮއްޓާ ނުލައި އޭނާއާއި އޭނާގެ ޓީމުން ކަންތައްތައް ހަމަޖެއްސި ގޮތް ހާމަކޮށްފަ އެވެ. އެގޮތުން ޓީމް މެމްބަރުންގެ ކެއުމާއި އެހެނިހެން ކަންތައްތައް ފަސްކޮށްލާފައި ވެސް ޕޫޖާގެ އައުޓްފިޓް ފުރިހަމަކުރުމަށް އޭނާގެ ޓީމުން ބުރަ މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެ އެވެ.

ޕޫޖާގެ އިތުރުން އެ ފެސްޓިވަލްގައި އިންޑިއާގެ މަޝްހޫރު އާޓިސްޓުން ބައިވެރިވެފައިވެ އެވެ.

އޭގެ ތެރޭގައި އޭއާރް ރެހްމާން އާއި އާރް މާދަވަން އާއި ނަވާޒުއްދީން ސިއްދީގީގެ އިތުރުން ޕްރަސޫން ޖޯޝީ އާއި ޝޭކަރް ކަޕޫރް އާއި ތަމައްނާ ބާޓިއާ އާއި ދީޕިކާ ޕަޑުކޯން، އަދި އައިޝްވަރްޔާ ރާއި ހިމެނެ އެވެ.