ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ގަރާރެއް ނެރުއްވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ނުހުއްޓުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

ރައީސްގެ ގަރާރާ ނުލައި ފުލުހުންގެ ގާނޫނުގެ ދަށުން ވެސް އިންޑިއާ އައުޓް ހަރަކާތް ހުއްޓުވިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުންނުކޮށް ރައީސްގެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނާޒިން ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސިފައިން ބައިވެރިކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ އެއްވެސް ކަމެއްގައި ވަކި ގައުމަކަށް ރާއްޖެއިން ބަރޯސާވުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ގާއިމުވެ ތިބުމަކީ ވެސް އެމްއެންޕީން ދުވަހަކު ވެސް ތާއީދުކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ ކަމަކީ ދިވެހިން، ދިވެހިރާއްޖެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގެންދިއުމަށްޓަކައި ވަކި ޕާޓީއަކުން ކުރާ ކަންކަމުގައި އަޅުގަނޑުމެން މިއަދު ސަމާލުވާށޭ. އަޅުގަނޑުމެންނަކީ ބަވަނަވެފައި އޮތް ދުނިޔެއެއްގައި އުޅޭ ބައެއް. އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކާ ލާމެހިގެން އުޅެންޖެހޭ ބައެއް. އަޅުގަނޑުމެން ދިވެހިންވެސް އިންޑިއާ ގޮސް އިންޑިއާގެ އެހީތެރިކަން ހޯދަން. ހަމަ އެގޮތަށް އެމީހުން ވެސް ރާއްޖޭގައި އެބައުޅޭ،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވާފައިވަނީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެފަދަ ވާހަކަތަކަށް ސަރުކާރުން އިޖާބައެއް ނުދެ އެވެ.