ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މާއްދާ ބާތިލުކުރަން ހުށަހަޅާފައިވަނީ "ދިޔަރެސް" ނޫހުގެ ތިން މުއައްސިސުން ކަމަށްވާ އަހުމަދު އަޒާނާއި އަހުމަދު އިބްރާހީމާއި، ޝިފްޒާން އަހުމަދެވެ.
މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރައްވާނެ ގާނޫނީ ވަކީލަކީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ފުރަތަމަ ފަހަރަށް މާސްޓާސް ޑިގްރީ ޙާސިލުކުރެއްވި ދިވެހި ވަކީލު، އަދި މިހާރު ވެސް އެ ޔުނިވާސިޓީން ޕީއެޗްޑީއަށް ކިޔަވަމުން އަންނަ މުހައްމަދު ޝައްފާން އަހުމަދެވެ.
މައްސަލަ ހުށަހަޅަމުން ދިޔަރެސް ނޫހުން ބުނެފައި ވަނީ މި މައްސަލާގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހަނިކުރާ މިންވަރަށް ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ގާނޫނަކުން ހައްގެއް ހަނިކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ މިންގަނޑަށް ފެތޭ ގޮތަށްކަން ކަށަވަރުކުރުމުގައި ކޯޓުން ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އެ ހައްގެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.
2013 ވަނަ އަހަރު ފާސްކުރި އެއްވެ އުޅުމުގެ ހައްގުގެ ގާނޫނަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އިތުރުކުރި އަކުރުގައި ބުނެފައިވަނީ ވެރިރަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވާނަމަ އެކަން ކުރެވޭނީ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދައިގެން، ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން މާލޭގައި އެއްވެވޭނެ ތަންތަން ކަނޑައަޅައި ލިސްޓެއް ޝާއިއުކުރުން ލާޒިމުކޮށްފައިވެ އެވެ.
މި އިސްލާހު ބާތިލުކުރަން އެދި ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވަނީ އެއްވެއުޅެވޭނީ ވަކި ތަނެއްގައި ކަމަށް ކަނޑައެޅުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެ ހައްގު ހަނިކުރާ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އަދި މާލޭގައި އެއްވުމަށް ލިޔުމުން ހުއްދަ ހޯދުމާއި، މިނިސްޓްރީން ހުއްދަ ދޭ ވަކި ތަންތަނުގައި ނޫނީ އެއްވެ ނޫޅެވޭނެކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް މުޅިން ނައްތައިލުން ކަމަށެވެ.
ދިޔަރެސް ނޫހުން ބުނިގޮތުގައި މި އިސްލާހު ބާތިލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މި އިސްލާހު ބާތިލުކުރަން މަޖިލީހަށް ހުށަހަޅުއްވާފައިނުވެ އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން ވަނީ މި އިސްލާހު މިހާރު އޮތް ގޮތަށް ބޭއްވުމަކީ ބޭނުންތެރިކަމެއް ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަދައްކަވާފަ އެވެ.