ކޮރަޕްޝަނުގެ ތުހުމަތުތަކަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މާލޭ ސިޓީ ކައުންސިލުގެ އޮޑިޓް ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީފު ހަނީފު މިއަދު އިސްތިއުފާދެއްވައިފި އެވެ.
ސަނީފު އޮޑިޓް ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދެއްވާފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޭނާ އަދާކުރެއްވި މަގާމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާ އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓު އޮފިސަރުގެ މަގާމުގައި ހުންނެވިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާ ގުޅޭ ވައްކަމާއި، ވޯޓާ ތީމް ޕާކުގައި ހުރި މުދާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މާލީ ކަންތައްތަކާ ބެހޭ އެންމެ މުހިންމު ކޮމިޓީގެ ރިޔާސަތު އޭނާއާ ހަވާލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި މި ފާޑުކިޔުންތަކާއެކު އޭނާ ވަނީ މިއަދު އެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
އެޗްޑީސީގައި ހިންގި ކަމަށް ބުނާ މައްސަލަތަކުގެ ތެރެއިން ވޯޓާ ތީމް ޕާކުގެ މައްސަލައިގައި އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ބިންވެރިޔާ ސްކީމްގެ މައްސަލައިގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެހެންނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުކޮށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން، ސަނީފު ހިމެނޭހެން އެ މައްސަލައިގައި ވަކިކުރި ހުރިހާ މުވައްޒަފުންނަށް ފަހުން ވަނީ އަލުން ވަޒީފާ ދީފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރެވިފައިވާއިރު، އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުތައް ގަވާއިދުން ނެރެމުން ނުދާ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އޮޑިޓު ރިޕޯޓުތައް ނިންމުމަށް އެތައް ތާރީހެއް ދީފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެއިން ރިޕޯޓެއް އާންމުކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން އާންމުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ކޮރަޕްޝަންގެ ގިނަ މައްސަލަަތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެ ދައުރުގެ އެއްވެސް އޮޑިޓް ރިޕޯޓެއް ނެރެފައެއްނުވެ އެވެ.
އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް
އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ދޭނަން: ޓްރަމްޕް
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް
