ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގިނަ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ނުފުއްދި ދިގުލައިގެން ދާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މިނިސްޓަރު އަސްލަމާއި ސުވާލު ކުރައްވާފަ އެވެ. ވެރިކަމަށް ވަައިގަތުމުގެ ކުރިންނާއި، އަދި ވެރިކަމަށް ވަޑައިގެންފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް ވައުދުވެވަޑައިގެންފައި ހުންނާނެ. ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން. ނުފުއްދޭ ވައުދުތައް ވެސް ހުރޭ. އަނެއްހެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އަޅުގަނޑު ގަބޫލެއް ނުކުރަން ކުން ފަޔަކުންގެ އުސޫލު ހިނގާ ކަމަކަށް،" އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގިނަ ފަހަރަށް ވައުދުތައް ވެފައި ހުންނަނީ އޭގެ ތަފްސީލާ ހަމައަށް މަސައްކަތް ނުކުރެވި ކަމަށާއި އެހެންކަމުން ތަފްސީލާ ހަމައަށް ދެވުނީމަ ގިނަ މަސައްކަތްތައް ދިގުލައިގެން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރެވިފައިވާ ގިނަ ވައުދުތައް ފުއްދަމުންދާ ކަމަށާއި ނަމަވެސް ނުފުއްދޭ އަދި ނުފުއްދޭނެ ވައުދުތައް ވެސް އެބަހުރި ކަމަށެވެ. ހުރިހާ ސިޔާސީ ބޭފުޅުންވެސް މަގާމްތަކަށް އަންނަނީ ވައުދުވެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަތައް ނިންމާލުމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ވައުދު އެންމެ ފުރަތަމަ ތައާރަފް ވެގެން ދިޔައީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ކަމަށާއި އެއީ އިނގިރޭސި ބަހުން މިކިޔާ "ޕްލެޖް" ކަމުގަ އެވެ. 2008 ވަނަ އަހަރު ވެފައިވާނީ 4 ޕްލެޖް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.