ކައިވެނިކުރުމަކީ ނުވަތަ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅުމަކީ ބަރުދަން އިތުރުވާކަމެއް ކަމުގައި މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އޮސްޓްރޭލިއާގެ ސެންޓްރަލް ކުއީންސްލޭންޑް ޔުނިވާސިޓީގެ ސައިންޓިސްޓުން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި ކައިވެނި ކުރުމުން ނުވަތަ ލޯބީގެ ގުޅުމަކަށް ދިއުމުން އިންސާނާ އޭނާގެ ބައިވެރިޔާއާއެކު ގާތް ގުޅުމެއް އުފެދި ކެއުން ބުއިމުގައި ގެންގުޅޭ އާދަކާދަތަކަށް ބަދަލުއައިސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަލަވާގޮތްވެ އެވެ.
އެ ޔުނިވާސިޓީގެ ސައިންޓިސްވެރިން މި ދިރާސާ ކުރުމަށް 15 ހާސް މީހުންގެ 10 އަހަރު ދުވަހުގެ ރިކޯޑުތައް އެއްކުރި އެވެ. ނަތީޖާ ދެއްކި ގޮތުގައި ކައިވެނި ކުރުމުން ނުވަތަ ލޯބީގެ ގުޅުމަކަށް ދިއުމުން އެވްރެޖްކޮށް ކޮންމެ އަހަރަކު 5.7 ކިލޯ ބަރުވެ އެވެ. ކައިވެނި ނުކުރާ ނުވަތަ ލޯބީގެ ގުޅުމެއްގައި ނޫޅޭ ނަމަ އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް ބަރުވަނީ 1.7 ކިލޯ ކަމަށް ވެސް އެ ދިރާސާއިން ދައްކާފައިވެ އެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުނު ސައިންސްވެރިޔަކު ބުނެފައިވަނީ ލޯބީގެ ގޮތުން ގުޅުމަކަށް ދިއުމުން ނުވަތަ ކައިވެނިކުރުމުން ބައިވެރިޔާ ހާސިލުވީކަމަށް ބަލައި ދެން ފަލަވިޔަސް ނުވަތަ ބުރުސޫރައަށް ބަދަލު އަޔަސް ހެޔޮކަމަށް ބަލައި މީހުން ކެއުންބުއިމުގައި ގެންގުޅޭ އާދަކާދަ ދޫކޮށްލާ ގިނައިން ކާން ފަށަ އެވެ.
މީގެ އިތުރުން ދަރިން ލިބުމުން ދަރިން ހުސްނުކޮށް ބަހައްޓާ ކާ ތަކެތި ބެލެނިވެރިން ކެއުމަކީ ވެސް މިގޮތަށް ފަލަވާން މެދުވެރިވާ އެއް ސަބަބު ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.