ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް މިއަދު އއ. އުކުޅަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.

މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް ސޯލިހު ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސް އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ހައްލުތައްހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.

ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުންނާ އތމ ކޮމެޓީތަކުގެ ރައީސުންނާއި ރައީސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ސްޕޯޓްސް ފެސްޓިވަލްއެއް އުކުޅަހުގައި ކުރިޔަށްގެންދެވޭނެ އެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދާނެ މި ކޮންފަރެންސްގައި ޖުމްލަ 4 ސެޝަނެއް ބޭއްވޭނެ އެވެ. އަދި މި ސެޝަންތަކުގައި މިހާރު ގައުމުގައި ހުރި އެންމެ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް ހިޔާލުބަދަލުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމާ ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސާއި ވަޒީރުންނަށް ހުށަހަޅުއްވައި މަޝްވަރާކުރައްވަން ފުރުސަތު ލިބިލައްވާނެ އެވެ.

ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ވެސް ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ނިންމުމުގައި އެ ސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުސަތު ދެއްވުމެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އުކުޅަހުގައި މި ފަށާ ކޮންފަރެންސް އެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އތމ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވަ އެވެ.