ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން މިއަދު އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ފެސްޓިވަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވައިދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ރައީސް އުކުޅަހަށް ވަޑައިގެން ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައި އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އުކުޅަހު ތުނޑީ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުން ފަދަ ކުޅިވަރު ހަރަކާތްތައް ހިމެނެ އެވެ.

ރައީސް ސޯލިހުގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އުކުޅަހުގައި ބޭއްވޭ ކޮންފަރެންސް އެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އތމ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވަ އެވެ.