ރަށްރަށުގެ ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދެވުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮފީސް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އއ.އުކުޅަހުގައި ކުރިއަށްދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރަށްރަށުގެ ތަރައްޤީއަށް އަންހެނުން ބާރުވެރިކުރުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަންގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނީ އެ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ޖާގަ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ގިނަ ކައުންސިލް އިމާރާތްތަކަކީ 30 ނުނީ 40 އަހަރު ވެފައިވާ ތަންތަން. އެކަން ހައްލުކުރުމަށް އަސްލަމް [ޕްލޭނިން މިނިސްޓަރު] ޕްލޭންތަކެއް އެބަ ހައްދަވާ. ކައުންސިލްތައް އިމާރާތްކުރުމަށް ކޮންމެ ރަށެއްގައި އޮފީސް އިމާރާތެއް އަޅާއިރު ކައުންސިލާ، ޑަބްލިއުޑީސީއަށް ވެސް ޖާގަ އޮންނާނެ. ކޮންމެ ރަށެއްގައި އޮފީސް އިމާރާތް އެޅުމުން ކޯޓުތަކަށްވެސް ޖާގަ އޮންނާނެ. ބޭންކު އަންނަންވިޔަސް ޖާގަ އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

މިގޮތުން ކައުންސިލްތަކަކީ ޖާގައިގެ ދަތިކަން އިންތިހާއަށް ހުރި ތަންތަންކަން ފާހަގަކުރައްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ވަނީ، ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތުގެ އިތުރުން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އެހެން އިމާރާތްތަކުން ނަމަވެސް އެ ކޮމިޓީތަކަށް ޖާގަ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މި ކަންބޮޑުވުމާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް އޮތް ޖާގައިގެ ދަތިކަމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކަކީ 40 ނުވަތަ 50 އަށް އަހަރުވެފައިވާ އިމާރާތްތަކެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ކައުންސިލްތަކުގައި ޖާގަ އޮތް މިންވަރަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތް ކުރެއްވުމަށް ޖާގަ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އއ. އުކުޅަހުގައި މިހާރު ކުރިޔަށް ގެންދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ރަށްރަށުގެ ތަރައްޤީއަށް އަންހެނުން ބާރުވެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަންގައި ރައީސް ސޯލިހުއާއެކު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީން ޕްލޭންތަކެއް ހަދަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރަށްރަށުގައި އިމާރާތްކުރާ އޮފީސް އިމާރާތްތަކުގައި ކައުންސިލްގެ މަސައްކަތާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތް ކުރުމަށާއި، މެޖިސްޓްރޭޓް ކޯޓުތަކަށާއި، ބޭންކު ފަދަ ޚިދުމަތްތަކަށް ވެސް އެ އިމާރާތުން ޖާގަ ދެވި ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އެ މަސައްކަތްކުރުމަށް ވަގުތު ނަގާނެކަން ވެސް ފާހަގަކުރައްވާފަ އެވެ.

އއ. އުކުޅަހުގައި މިހާރު ކުރިޔަށް ގެންދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ރަށްރަށުގެ ތަރައްޤީއަށް އަންހެނުން ބާރުވެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަންގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ކައުންސިލްތަކާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮންނަންވާނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަކީ ކައުންސިލާ ވަކިން ބޭރުން މަސައްކަތްކުރުމުގެ ބަދަލުގައި އެއް ޢިމާރާތެއްގައި މަސައްކަތްކުރެވޭ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ފަރުމާކޮށްފައިވަނީ ވެސް އެފަދަ ވިސްނުމެއްގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.