ބަޣްދާދު (31 މެއި) - އެމެރިކާ ސިފައިން ތިބޭ އިރާގުގެ އަސްކަރީ ބޭސްއަކަށް މިސައިލް ހަމަލާ ތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހުޅަނގު އިރާގުގެ އަންބަރް ޕްރޮވިންސްގައި ހުންނަ އައިން އަލް އައްސަދު ބޭސްއަށް ފަސް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެގައުމުގެ ސެކިއުރިޓީ އޮފިޝަލުން ބުނެފައިވެ އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ބޭސްގެ އިމާރާތަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

ނަން ހާމަނުކޮށް އޮފިޝަލުން ވިދާޅުވީ މިސައިލްތައް އަމާޒުވެފައިވަނީ ސިފައިން ތިބި ސަރަހައްދާ ތަންކޮޅެއް ދުރަށް ކަމަށެވެ.

މި ހަމަލާތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ޔަގީން ނުވި ނަމަވެސް އެެމެރިކާއިން ވަނީޔ އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މިފަދަ ހަމަލާތަކުގެ ތުހުމަތު އަޅުވާފަ އެވެ.

މިފަދަ ހަމަލާތަކަކީ މީގެ ކުރިން އާއްމު ހަމަލާ ތަކެއް ނަމަވެސް މިހާރަކަށް އައިސް އެ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް މަދުވެފަ އެވެ.

އެމެރިކާ ސިފައިން އިރާގުގައި ކުރިއަށް ގެންދިޔަ މިޝަން ނިމުނު ނަމަވެސް އައިސިސްއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެގައުމުގެ އަސްކަރިއްޔާއަށް އެހީވުމަށް އެމެރިކާ ސިފައިން އެގައުމުގައި ހަރަކާތްތެރިވެ އެވެ.-- އަލް އަރަބިއްޔާ