ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ގިނަ އަދަދެއްގެ ފޯމުތައް އިލެކްޝަން ކޮމިޝަންގައި ޕްރޮސެސް ނުވެ ހުރުމުން، އެޕާޓީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއާރްއެމްއިން ކަންބޮޑުވުން ފާޅުކޮށްފައިމިވަނީ 3،000 މެންބަރު ހަމަނުވާ ޕާޓީތައް އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނޯޓިސް ފޮނުވުމާއި ގުޅިގެންނެވެ. އުވާލުމަށް ނޯޓިސް ފޮނުއްވި ޕާޓީތަކުގެ ތެރޭގައި އެމްއާރްއެމްވެސް ހިމެނެ އެވެ.

މިކަމާއި ގުޅިގެން އެމްއާރްއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެސް 3،000 އަށްވުރެ ގިނަ މެމްބަރުން ހަމަވާނެ ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދިވެސް ގިނަ ފޯމުތައް ޕްރޮސެސް ނުކުރާ ކަމަށެވެ.

އެމްއާރުއެމް އިން ބުނީ، ފާއިތުވި ދުވަސްތަކުގައި އެޕާޓީން ޖުމްލަ 1،407 ފޯމު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް 103 ފޯނު ހުށަހަޅާފައިވާ ކަމަށެވެ. މިފޯމުތަކުގެ އިތުރުން މިއަދު ވެސް 123 ފޯމެއް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ފާހަގަ ކޮށްފަ އެވެ.

އެމްއާރްއެމްއިން އިތުރަށް ބުނެފައިވަނީ އިލެކްޝަން ކޮމިޝަނަށް އެޕާޓީއިން ހުށަހަޅާފައިވަނީ ފޯމްތައް ގިނަ ދުވަސްވެ، ފޯމްތައް ޕްރޮސެސް ކުރުން ލަސްވާތީ އެކަން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެމްއާރްއެމް އަށް އަދިވެސް މެމްބަރުން އިތުރުކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރަމުން އެ ޕާޓީން ވަނީ މި މަހުގެ ހަތެއްގެ ކުރިން އެ ޕާޓީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށްދިނުމަށް އީސީ އަށް ގޮވާލާފަ އެވެ.