ސ. ފޭދޫގައި މިދިޔަ ހަފުތާގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލުމުން މަރުވި މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްުޔަރުުކޮށް ރަށުގެ އަމާންކަން ނަގާލަން އުޅުނު އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދަމު ފޭދޫގައި ޒަހަމްކޮށްލި އުމުުރުން 21 އަހަރުގެ މީހާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެ މަރާމާރީގައި މަރުވެފައިވަނީ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21، އެވެ.

މާރާމާރީގައި ޒަޔާންގެ ހަށިގަނޑު އެތައް ތަނަކަށް ވަނީ ތޫނު އެއްޗެހި ހަރައި ޒަހަމްކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އައްޑޫ އިން ހައްޔަރުކުރީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ރަށުގެ ތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޭދޫގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ މީހެއްގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން ފަރުވާއަށް ފުރަތަމަ ގެންދިޔައީ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ. އެކަމަކު ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އޭނާ ގެނައީ މާލެއަށެވެ.

އައްޑޫގައި މާރާމާރީތައް އިތުރުވެ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.