ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެމްޑީޕީގެ ގިނަ މެމްބަރުން ތާއީދުކުރައްވާ ކަމަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ރައްޔިތުން މަޖިލިހަށް ހުށަހަޅާފައިވާ އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އިމްރާނަށް ތާއީދުކުރައްވާކަން ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އާދަލަތު ޕާޓީއަކީ ވަރަށް ގާތް ދެ ޕާޓީ ކަމަށާއި އާދަލަތު ޕާޓީއާ އެކީ ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި މިހާރު އޮތް ސަރުކާރަކީ ފުރިހަމަ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި އެކި ޕާޓީތައް ހިއްސާވާ ގޮތަށް އޮތް ސަރުކާރުގައި އެމްޑީޕީގެ ހިއްސާއެއް ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންކަމަށް އެންމެ ފުރަތަމަ ދެކޮޅަށް ތެދުވެ އަޑު އުފުލަނީ ވެސް އެމްޑީޕީއިން ކަމަށާއި އެއީ އިމްރާންގެ އިތުބާރު ނެތް މައްސަލަ ވެއްދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް އެ މަސައްކަތް ޒިންމާދާރު ކަމާ އެކީގައި ނުކުރެވޭތީއާ ވެސް އެކީގައި ކަމަށް އާޒިމް ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ ހުށަހެޅީ ވެސް ސަރުކާރު ޒިންމާދާރު ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ޒިންމާދާރު ވާދަވެރި ޕާޓީއެއް ނެތުމުން އެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ބަހުސްކުރައްވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް) ވިދާޅުވީ މިނިސްޓަރު އިމްރާން ވަކި ކުރުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން މަސައްކަތް ކުރަމުން ދަނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވުމަށް އިމްރާން ކުރައްވާ މަސައްކަތް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.

ހަލީމް ވިދާޅުވީ ވެރިކަމުގައި ދެމިތިބުމުގެ ބޭނުމުގައި ޕީޕީއެމްގެ ސަރުކާރުގައި އެ ސަރުކާރުގެ އިސް ބޭފުޅުން ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފް ޖަމިއްޔާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށެވެ. އެހެންވެ ސަލަފް ޖަމިއްޔާއިން އެދޭ ކަންކަން އެ ކޯލިޝަނުން ކުރާ ކަމަށާއި މި މައްސަލައަކީ އެ ޖަމިއްޔާއިން އެދިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލަފް ޖަމިއްޔާ އަޑީގަ އޮވެގެން ވައްދާފަ އޮތް މައްސަލައެއް މިއީ، ސަލަފް ޖަމިއްޔާ މިހާރު ނުފެނޭ ދީނީ ޖަމިއްޔާއެއްގެ ގޮތުގަ ވެސް، ސިޔާސީ ޕާޓީއަކާ ބޮޑަށް ވައްތަރީ، ވަރަށް ސިޔާސީ ވެފަ ތިބީ، އެހެން ސިޔާސީ ޕާޓީއަކު ލައްވައި ކަންކަން ނުކޮށް ސަލަފް ޖަމިއްޔާ ސިޔާސީ ޕާޓީއެއް ހަދައިގެން ކަންކަން ކުރަން މާ ރަނގަޅު ވާނެ،" ހަލީމް ވިދާޅުވި އެވެ.

ނަމަވެސް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވިދާޅުވީ އިމްރާނަށް އިތުބާރުކުރައްވާ ކަމަށް ސިޔާސީ މަގުސަދަކަށް ވިދާޅުނުވާނެ ކަމަށެވެ. އަދި ކަންކަން ކުރަން ޖެހޭނީ ހަމަހަމަ އުސޫލުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވިދާޅުވާން ޖެހޭނީ ހަގީގަތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ އޭނާއަކީ ކަނޑިތީމު ދާއިރާގެ ފަސް ރަށް ތަމްސީލުކުރައްވާ މެންބަރު ކަމަށާއި އެ ދާއިރާގެ ގިނަ ރައްޔިތުންގެ އިތުބާރު ހޯމް މިނިސްޓަރު އިމްރާނަށް ނެތް ކަމަށެވެ. އަދި އޭނާގެ އިތުބާރު ވެސް ހޯމް މިނިސްޓަރު އިމްރާނަށް ނެތް ކަމަށް ވިދާޅުވި އެވެ.

"ތަކުރާރުކޮށް މިނިސްޓަރަށް ގުޅިއްޖެ، މެސެޖު ވެސް ކުރެވިއްޖެ، އެ މެސެޖުތަކާއި ފޯނު ކޯލުތަކަށް މިނިސްޓަރު ޖަވާބުނުދެއްވާ ސަބަބެއް އެނގިވަޑައިނުގަންނަވާ،" ޝަހީމް ވިދާޅުވި އެވެ.

ށ. ފޭދޫގެ ޙާލަތު މިނިސްޓަރަށް އެނގިވަޑައިގަންނަވަނީ ކިހާ މިންވަރަކަށްތޯ ވެސް ޝަހީމުވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުން އެތައް މަސައްކަތެއް ކުރުމުންވެސް މިނިސްޓަރު ޖަވާބެއް ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި އެ މައްސަލަތައް ހައްލުކުރުމަށް ތަކުރާރުކޮށް މަސައްކަތްކުރެވިފައިވާ ކަމަށާއި، އެކަމުގައި މިނިސްޓަރު އިމްރާނުގެ ކަންފަތްޕުޅެއް ނެތް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި އިމްރާނަށް އިތުބާރުކުރައްވާ ކަމަށް ވިދާޅު ނުވެވޭނެ ކަމަށާއި، އޭނާގެ ދާއިރާގެ ރައްޔިތުން ވެސް އަދި އޭނާ ވެސް އިމްރާނަށް އިތުބާރުނުކުރާ ކަމަށް ޝަހީމު ވިދާޅުވި އެވެ.

ޝަހީމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އިމްރާންގެ ދިފާއުގައި އެމްޑީޕީ ނުކުތުމުން މިއަދު އެ ޕާޓީގެ ފެންވަރު ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. އަދި ހައްގުތަކަށް ވަކާލާތުކުރާ ޕާޓީއަކުން ޖިންސީ އަނިޔާއާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކުށްތަކަކީ އާދައިގެ ކަންކަން ކަމުގައި ދޭހަވާ ގޮތަށް ވާހަކަދެއްކެވި ބޭފުޅެއްގެ ދިފާއުގައި ތެދުވުމުން އެ ޕާޓީގެ ފެންވަރު ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް ހުސެއިން ވަނީ އިމްރާން ދިފާއުކުރަން އެމްޑީޕީން ނިންމި ނިންމުމަކީ އެ ޕާޓީގެ ހިތުގެ އެންމެ އަޑިން ނިންމުމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީން އިމްރާން ދިފާއުކުރާކުރުމަކީ މި މުޖުތަމައުގެ ހަލާކަށް ދެވުނު ޖާގައެއް ކަމަށާއި، އެއީ ފަސާދައަށް ހުޅުވުނު މަގެއް ކަމުގައި އޭނާ ވިދާޅުވި އެވެ.