ބޮލީވުޑްގެ ކުރީގެ ބަތަލާ މަހީމާ ޗައުދަރީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފި އެވެ.
ޝާހްރުކް ޚާނާއެކު 1997 ގެ "ޕަރުދޭސް" އިން ބޮލީވުޑަށް ތައާރަފްވި މަހީމާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފައިވަނީ ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރަށްގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި އެވެ.
އެ ވީޑިއޯގައި މަހީމާ ބުނެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފަށާފައިވަނިކޮށް ވަރަށް ގިނަ ފަރާތްތަކުން ވެބް ސީރީޒް ފަދަ އުފެއްދުންތަކުން ފުރުސަތު ދިނުމަށް ކުޅަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ބައްޔާ ބެހޭ ގޮތުން އެއްވެސް ފަރާތްތަކާ ހިއްސާކޮށްފައިނުވާނެ ކަމަށާއި އަނޫޕަމް އަކީ އެވާހަކަތައް ހިއްސާކުރި ފުރަތަމަ މީހާ ކަމަށް ވެސް މަހީމާ ވަނީ ބުނެފަ އެވެ.
"ކީމޯތެރަޕީ ނަގަން ފެށުމާއެކު، ބޮލުގެ އިސްތަށިގަނޑު ވެސް ވަނީ ގޮސްފައި. މިހާރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ވަރަށް ގިނައިން ގުޅާ ވެބް ސީރީޒްތަކުން ފުރުސަތު ދޭ. އެކަމަކު ބަލީގެ ވާހަކައެއް ހިއްސާއެއް ނުކުރަން،" މަހިމާ ބުންޏެވެ.
މަހީމާ އަނޫޕަމް އަށް ކެންސަރު ބައްޔަށް ފަރުވާ ހޯދާ ވާހަކަ ހިއްސާކޮށްފައި މިވަނީ އަނޫޕަމްގެ 525 ވަނަ ފިލްމު "ދަ ސިންގޭޗާ"ގެ ރޯލެއް ދިނުމަށް މަހީމާއަށް ގުޅުމުންނެވެ.
އެ ފިލްމުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމުން ބަލީގެ ވާހަކަ ކިޔައިދިނުމަށް މަޖުބޫރުވި ކަމަށް ވެސް މަހީމާ ވަނީ ބުނެފަ އެވެ. އަދި އަނޫޕަމްގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް އޭނާއަށް ލިބިގެންދިޔަ ކަމަށް ވެސް މަހީމާ ބުންޏެވެ.
މިހާރު އުމުރުން 48 އަހަރުގެ މަހީމާގެ ކައިވެނި ވެސް ވަނީ 2013 ގައި ރޫޅިފަ އެވެ. އޭނަގެ އަންހެން ދަރިޔަކު ވެސް އެބަހުއްޓެވެ. އެއީ 15 އަހަރުގެ އަރިއާނާ ޗައުދަރީ އެވެ.
މަހީމާ ކުޅުނު ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ދިލް ހޭ ތުމާރާ"، "ބާގްބާން" އަދި "ކުރްކްޝެތުރާ" އަދި ދިލް ކިޔާ ކަރޭ" އާއި ދަޅްކަން" ފަދަ ފިލްމުތައް ހިމެނެ އެވެ. މަހީމާގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "ޑާކް ޗޮކްލެޓް" އެވެ.