ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ މިއަދު ސަން އައިލެންޑް ރިސޯޓުގައި މަޝްވަރާ ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް މިބައްދަލުވުމުގައި ބައިވެރިވިއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްއާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންވެސް ބައިވެރިވި އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ކުރެއްވި ޓުވީޓެއްގައި އޭނާވަނީ ސޯލިހުގެ ރަނިން މޭޓުގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސް ސޯލިހު ހުށަހަޅުއްވައިފި ކަމަށް ވިދާޅުވެފަ އެވެ.

ޓޮމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމުގެ ނަންފުޅު އޭނާ ހުށަހެޅުއްވި ކަމަށެވެ. އަދި ގާސިމްގެ ނަންފުޅު ހުށަހެޅުއްވުމުން ރައީސް ސޯލިހަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެން، އެ މަަގާމު އަދާކުރެއްވުމުގެ ފުރުސަތު ގާސިމަށް ނުދެއްވީ ރައީސް ސާލިހު ކަމަށް ޓޮމް ވިދާޅުވި އެވެ. އަދި ކޯލިޝަން އޮތީ އެއިރުއްސުރެ ރޫޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ޓޮމް ފާހަގަކުރެއްވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަން އެއްބަސްވުމަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާނެކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. ނަމަވެސް ދައުރު ނިމުމަކަށް އަންނައިރު އަދިވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ނެތްކަން ޓޮމް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ގާސިމާ ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް އެންމެ ރަނގަޅު ޗޮއިސްއަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ނިކުންނަވާނެ ކަން ހާމަކުރައްވާފަ އެވެ. މިއީ ރައީސް ސޯލިހު ވެރިކަމަށް ކުރިމަތިލައްވާނެކަން ހާމަކަން ބޮޑު ގޮތެއްގައި ވިދާޅުވި ފުރަތަމަ ފަހަރެވެ. އަދި އެމްޑީޕީއަށް ވެރިކަމަށް އާދެވޭނީ ކޯލިޝަނަކާއެކު ކަމަށާއި، އެމަނިކުފާނު ކޯލިޝަނަކާއެކު ނުކުމެވަޑައިގެންފިނަމަ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވެރިކަމަށް ކުރިމަތިލައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ރިޔާސީ އިންތިހާބަށް ވަކިން ނުކުންނާނެކަމުގެ ވާހަކަ ތަކެއްވަނީ ފެތުރިފަ އެވެ.

ސޯލިހާ ގާސިމްގެ ބައްދަލުވުމާ ގުޅޭގޮތުން ރަސްމީގޮތުން އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.