އަލަނާސިއަކީ ހަމައެކަނި ރޯދަމަހު ފަނި ގިރުމަށް ހާއްސަ ވެފައިވާ މޭވާއެއް ނަމަވެސް މިއީ އާއްމު ދިރިއުުޅުމުގައި ވެސް ގަވާއިދުން ބޭނުން ކުރާނަމަ ގިނަ ފައިދާ ތަކެއް ލިބިދޭ މޭވާ އެކެވެ.

އެގޮތުން އަލަނާސީގައި ސޯޑިއަމް ނުވަތަ ލޮނު ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭ މައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައް ތަކެކެވެ.

ލޭ މައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ހިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކޮންޓްރޯލްކުރުމަށް ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ ކާނާ ހަށިގަނޑަށް ނުހަނު މުހިއްމެވެ. އެއް ޖޯޑު އަލަނާސީގައި އެއް މިލިގްރާމް ސޯޑިއަމް ހުންނައިރު، 195 މިލިގްރާމް ޕޮޓޭސިއަމް ހުރެ އެވެ.

މީގެ އިތުރުން އަލަނާސި އަކީ އެންޓިއޮކްސިޑެންޓުތަކުން މުއްސަނދިވެފައިވާ މޭވާ އެކެވެ. އަލަނާސިއަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ރަނގަޅު މޭވާއަކަށްވާއިރު އެއިން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭ، "ފްރީ ރެޑިކަލް" ތަކުން ހަށިގަނޑު ހިމާޔަތް ކޮށްދެ އެވެ.

ފްރީ ރެޑިކަލް ހަށިގަނޑުގައި ޖަމާވެ ގިނަވުމަކީ، ލޭހޮޅިތަކާއި ހިތުގެ ބަލިތައް ޖެހުމާއި، ހަކުރުބަލިޖެހުމާއި، ނޭވަޔަށް އުނދަގޫކުރުން މެދުވެރިކޮށް، ގޮހޮރުގެ ކެންސަރު ފަދަ ކެންސަރުތަކަށް މަގުފަހި ކުރުވާ ކަމެކެވެ.

އޭގެ އިތުރުން އަލަނާސިން އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމަށް އެހީތެރި ވެދެ އެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ތިން ފަހަރު އަލަނާސި ފަދަ އެންޓިއޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" ކިޔާ ހާލަތު މެދުވެރިވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އަލަނާސިއަކީ މިހާރު ފަސޭހައިން ލިބޭ އެއްޗަކަށް ވާއިރު ކެއުމުގައި އަލަނާސި ގިނައިން ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ.