ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފި އެވެ.

ޕީޖީ ޝަމީމް މަގާމުން ވަކުކުރުމަށް އެމްޑީޕީ ޕާލިމެންޓް ގުރޫޕުން ނިންމީ މިއަދު މެންދުރު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުނެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުންނުވާ މެންބަރުން ތިބޭނެ ކަމަށެވެ. އަދި މިއަދު ޕީޖީ ގުރޫޕުން މިއަދު ނިންމުމާ ދެކޮޅު މެންބަރުން ނަން ނޯޓްކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ މަޖިލިސް މެމްބަރުން އަރިހުން އެދިވަޑައިގެންފައިވެ އެވެ.

ނަޝީދުގެ އެ މެސެޖަށް އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފަ އެވެ.

އެ މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އަދި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކިނުކުރާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ މިއަދުގެ ނިންމުމާއެކު ޝަމީމްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެންނެވެ.

ޝަމީމްގެ ދިފާއުގައި ނަޝީދު ނިކުނެވިއިރު އެމަނިކުފާނުގެ އަރިހުގައި ނިކުމެފައިވަނީ އަބަދުވެސް ރައީސް ނަޝީދު ދިފާއުގައި ވާހަކަ ދައްކަވާ މެމްބަރުންކަން ފާހަގަ ކޮށްލެވެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަދައްކަވަނީ. ފޮޓޯ: ޕޮލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި މެމްބަރުން ޝަމީމް މަގާމުން ވަކިކުރަން ނިންމާފައިވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން އެހާ ރަގަޅެއް ނޫނެވެ.

ސަރުކާރުގެ އެކި ކަންކަމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މިދިޔަ ބުދަ ދުވަހު، ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހް ފާޅުކުރެއްވުމުން ނަޝީދު ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ސޯލިހަށް ވުރެ ކުރިން 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕަށް މިހާރު އައިސްފައިވާ ބަދަލާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ވަނީ ނަޝީދަށް ގެއްލިފަ އެވެ.