ކީވް (15 ޖޫން) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއާ ކުރިމަތިލާން ޔޫކްރެއިންއަށް އިތުރު ހަތިޔާރު ބޭނުންވާތީ ނޭޓޯގެ މެމްބަރު ގައުމުތަކުން ޔޫކްރެއިންއަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދޭން ނޭޓޯގެ ޖެނެރަލް ސެކެޓްރަރީ ޖެންސް ސްޓޮލްޓަންބާގް ގޮވާލައްވައިފި އެވެ.

ސްޓޮލްޓަންބާގް މިހެން ވިދާޅުވެފައި ވަނީ ޔޫރަޕްގެ ހަތް ގައުމެއްގެ ލީޑަރުންނާއެކު އޮތް ބައްދަލު ވުމަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ޔޫކްރެއިންއަށް އިތުރު ހަތިޔާރު ބޭނުންވޭ، އެކަމަށް ނޭޓޯގެ ގައުމު ތަކުން އެހީވާން ޖެހޭ" ސްޓޮލްޓަންބާގް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމައިގައި ޔޫކްރެއިންއަށް އިތުރަށް އެހީ ފޯރުކޮށް ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ނޭޓޯގެ ސަމިޓް ވަރަށް އަވަހަށް އޮންނާނެ ކަމަށެވެ.

ޔޫކްރެއިންއިން ބަރު ހަތިޔާރު ފޮނުވަން އެދި ތަކުރާރުކޮށް ހުޅަނގުގެ ގައުމުތަކަށް ހުށައެޅި ނަމަވެސް މިހާތަނަށް ބަރު ހަތިޔާރު ފޮނުވާފައިވަނީ ވަރަށް މަދު ގައުމަކުންނެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންއަށް ވާގިވެރިވާ ނޭޓޯގެ ގައުމުތަކުން ދަނީ އެ ޖަމާއަތުގެ އެހެން މެމްބަރުންނަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހަނގުރާމައިގައި ޔޫކްރެއިން ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ ހުޅަނގުން ނަގަން ޖެހޭނެ ކަމަށް އެގައުމުތަކުން ބުނެ އެވެ.