މި މަހުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ގްރޫޕަކުން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާއެވެ. އޭނާގެ އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި، 22 އަހަރުގެ މީހެއް އަދި 24 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި 18 އަހަރުގެ އެކަކު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ކޯޓުން ވަނީ ދީފައެވެ.

މީގެއިތުރުން ރަށުތެރޭގެ އަމާންކަން ނަގާލަން އުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އައްޑޫގައި ސިލްސިލާ މާރާމާރީތައް ހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.