ޑިސްޓްރިކްޓު ކޯޓުތަކާއި ސާކަޓް ކޯޓުގެ ނިޒާމު ތައާރަފުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލަކީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގައި ޑިސްޓްރިކްޓް ކޯޓުތަކަކީ ޖުޑީޝަލް ޑިސްޓްރިކްޓުތަކުގައި ގާއިމުކޮށްފައިވާ ސުޕީރިއާ ކޯޓުތައް ކަމަށް އިސްލާހުގައި ބުނެފައިވާއިރު، ސުޕީރިއާ ކޯޓުތަކަކީ މާލޭ ހަތަރު ސުޕީރިއާ ކޯޓާއި ގާނޫނުގެ ދަށުން އުފައްދާ ޑިސްޓްރިކްޓް ކޯޓުތައް ކަމަށް ބުނެފައިވެ އެވެ.
މި ބިލުގައި ފޮތުން ގޮތުން ޑިސްޓްރިކްޓް ކޯޓުތައް ގާއިމުކުރާނީ 3 ސަރަހައްދެއްގަ އެވެ. އެއީ މާލެއާއި އައްޑޫ ސިޓީގެ އިތުރަށް ކުޅުދުއްފުށީ ސިޓީގަ އެވެ. އޭގެ އިތުރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ޖުޑީޝަލް ޑިސްޓްރިކްޓުތަކެއްގައިވެސް ޑިސްޓްރިކްޓު ކޯޓު ގާއިމުކުރެވޭނެ އެވެ.
ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމުގައި ޖޭއެސްސީން ބަލަންޖެހޭ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ އެ ސަރަހައްދެއްގައި ޖުޑީޝަލް ދާއިރާތަކުގެ އާބާދީ ވީ އެންމެ ބޮޑުކޮށް ހަމަހަމަކުރެވޭނެ ގޮތެއްގެ މަތިން ކޯޓު ގާއިމުކުރުމާއި، އެ ސަރަހައްދެއްގެ ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް މައްސަލަތައް ހުށަހެޅޭ ނިސްބަތާއި، އެ ކޯޓު ގާއިމުކުރާ ރަށުގައި ވަސީލަތްތައް ފުރިހަމަވެފައިވާ މިންވަރެވެ.
ޑިސްޓްރިކްޓު ކޯޓެއް ވަކި ސަރަހައްދެއްގައި ގާއިމުކުރެވުމުން އެ ސަރަހައްދުގައި ހިމެނޭ ހުރިހާ މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް އެ ހިސާބުން އެ ކޯޓަށް ބަދަލުވެ، އެ ސަރަހައްދެއްގެ އިހްތިސާސްގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ އެ ސަރަހައްދެއްގެ ކޮމިޓީތަކުންކަމަށްވެސް މި ބިލުގައިވެ އެވެ.
އޭގެ އިތުރަށް މި އިސްލާހުގެ ދަށުން ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ސާކަޓްތަކެއް ހުންނަންވާނެކަމަށް ބަޔާންކުރެ އެވެ. އެގޮތުން ސާކަޓަކީ ކޮންމެ ޖުޑީޝަލް ދާއިރާއެއްގެ އިދާރީ ބޭނުމަށްޓަކައި ޖޭއެސްސީން ކަނޑައަޅާ ވަކި ދާއިރާއެއްކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެ ސާކަޓެއްގައި ހިމެނޭނެ ކޯޓުތައް ކަނޑައަޅާނީ ޖޭއެސްސީންނެވެ.