ކުވައިތު (23 ޖޫން) - ކުވައިތުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އާ ދައުރަކަށް މަޖިލިސް އިންތިހާބުކުރަން އާއްމު އިންތިހާބެއް ބޭއްވުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެގައުމުން މިކަން އިއުލާން ކޮށްފައިވަނީ ވަލީއަހުދު ޕްރިންސް ޝައިޚް މިޝަލް އަލް އަހްމަދު އަލް ސަބާހް ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގަ އެވެ.
މި ނިންމުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ގައުމުގެ ސިޔާސީ މަޝްރަހު އިސްލާހުކޮށް ހަމަ މަގަށް އެޅުވުން ކަމަށް ވަލީއަހުދު ވިދާޅުވި އެވެ.
"އަލުން އާ މަޖިލީހެއް އިންތިހާބުކޮށް ގައުމުގެ ހާލަތު ހަމަ މަގަށް އެޅުވުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި،" ޝައިޚް މިޝަލް ވިދާޅުވި އެވެ.
ވަލީއަހުދު އިތުރަށް ވިދާޅުވީ މިވަގުތު ގައުމުގެ ހާލަތު އޮތީ ކޮރަޕްޝަނާއި އަމިއްލަ އެދުމާއި ޒާތީ މަންފާއަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
މަޖިލިސް އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އާއްމު އިންތިހާބަށް އިއުލާން ކުރެވޭނެ ކަމަށް ވެސް ވަލީއަހްދު ވިދާޅުވި އެވެ.
ކުވެއިތުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލަން ނިންމާފައިވަނީ އިޒްރޭލުން ވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލަން މި ހަފްތާ ތެރޭގައި ނިންމާފައި ވަނިކޮށެވެ.