ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހަށް ކިގާލީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތަކާއި، ހެޔޮވެރިކަމާއި، ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައާއެކު، ހާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ސާމިލުވާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، ގައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަސްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރައްވާނެ އެވެ.
މި ބައްދަލުވުމަށް 54 ގައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެ އެވެ.
މީގެ އިތުރުން ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިން، ކޮމަންވެލްތް ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތްގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.